ހަބަރު

ފުރަން ބޭނުން ބަންގްލަދޭޝްގެ 837 މީހުން ފޮނުވާލަނީ

Apr 11, 2020
5

އަމިއްލައަށް ގައުމަށް ދާން ބޭނުންވެފައި ތިބި ބަންގްލަދޭޝް މީހަކު 837 އެކަން ސަރުކާރަށް އަންގާފައިވާ ކަމަށާއި އެމީހުން އެ ގައުމަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ވަރަށް ގޮންޖެހުން ބޮޑު މައްސަލައެއް ކަމަށާއި ނަމަވެސް މަސައްކަތް ކުރަމުން ދަނީ އެކަމަށް އަވަސް ހައްލުތަކެއް ހޯދަން ކަމަށެވެ.

ބަންގްލަދޭހުން އަލަށް މީހުން އެތެރެކުރުން ހުއްޓާލުމުން ނަތީޖާ ފެނިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެ ނިންމުމަށްފަހު ރާއްޖެއަށް އެތެރެފައި ވަނީ 1362 އަން ސްކިލްޑް ބަންގްލަދޭޝް މީހުން ކަމަށެވެ. އެއީ އެ ނިންމުން އިއުލާންކުރި އިރު ރާއްޖެއަށް އައުމަށް އެޕްލައިކޮށްފައި ތިބި މީހުން ކަމަށެވެ. އޭގެ ކުރިން ނަމަ، އެ އަދަދަކީ މަހަކު 3،000 އެއްހާ މީހުން ކަމަށް ވެސްފައްޔާޒު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި 40،000 މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތް މީހުން ވަރަށް ގިނަ ކަމަށް ވެސް މިނިސްޓަރު މިރޭ ވިދާޅުވި އެވެ. ދެން ވިދާޅުވީ އެމީހުން ލިޔެކިޔުންތައް ހައްދައި ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ނަމަވެސް އެމްބަސީ މެދުވެރިކޮށް ޑޮކިއުމެންޓްތައް ހެދުމަކީ ވަރަށް ބޮޑު ކަމެއް، އެކަމަށް ހަތަރު ފަސް ވަރަކަށް މަސް އެބަ ނަގާ،" ފައްޔާޒު ވިދާޅުވި އެވެ.

އެހެންވެ، އެމީހުންގެ ތެރެއިން ރާއްޖޭގައި ނުތިބެ ގައުމަށް ދާން ބޭނުންވާ މީހުން އެކަން އެންގުމަށް ހުޅުވާލި ފުރުސަތުގައި އެދިފައިވަނީ 837 މީހެއް ކަމަށާއި އޭގެ ތެރޭގައި ޕާސްޕޯޓް އޮތް 130 މީހުން އެބަ ތިބި ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ޕާސްޕޯޓް އޮތް 130 މީހުން ވެސް ފޮނުވާލެވިފައިނުވަނީ ބަންގްލަދޭޝްއިން އެ ގައުމަށް އެއްވެސް މީހަކު އެތެރެވުން މަނާކޮށްފައިވާތީ އެވެ. އެ މަނާ ކުރުން އެ ގައުމުގެ ރައްޔިތުންނަށް ވެސް އެބަ އޮތެވެ. ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރާ މަޝްވަރާ ކުރައްވާ ކަމަށާއި އުއްމީދަކީ އެ ސަރުކާރާ ގުޅިގެން އެމީހުން ގައުމަށް ފޮނުވާލެވޭނެ ކަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން ވަރަށް ދަތި ހާލުގައި ސާފުތާހިރު ކަމެއް ނެތް ތަންތަނުގައި އުޅޭ ބިދޭސީން އެއަށްވުރެ ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް މާދަމާ މުއައްސަސާތަކާ ގުޅިގެން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން 2500 އެއްހާ ބިދޭސީން މިހާރަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލު ކުރައްވާނެ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.