ބިދޭސީން

މަސައްކަތެއް ނޫނީ ކާނެ އެއްޗެއް ދީ!

ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިއީ ހައްލު ނުކުރެވިވާ ބޮޑު މައްސަލައެކެވެ. އެއްވެސް ސަރުކާރަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ. ނުވަތަ ގަސްތުގައި ނުކުރެ އެވެ. ބިދޭސީންގެ މައްސަލަ މިހާ ބޮޑުވީ އެކަމާއި ގުޅިގެންނެވެ. މިއަދުވެސް ރާއްޖޭގައި 65،000 ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް ބުނެވެ އެވެ. ނަމަވެސް އެއީވެސް ޔަގީން މައުލޫމާތެއް ނޫނެވެ. އެ އަދަދު އެއަށްވުރެ އިތުރު ވާނެ ކަމަށަް ޔަގީން ކުރާ މީހުން މާ ގިނަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ވެސް އިގްތިސޯދީ ބޮޑެތި މައްސަަލަތަކެއް ދަނީ ދިމާވަމުން ނެވެ. އެތައް ހާސް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ގިނަ ވިޔަފާރިތަކެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެތެރޭގެ އިގްތިސޯދު ފަށާއި ގައުމުގެ ދޮރާށި ބޭރަށް ހުޅުވާލި ނަމަވެސް އަދި މެޝިނު ހިނގައިގަންނާނެ ދުވަހެއްވެސް ނޭނގެ އެވެ.

ކޮވިޑާ ގުޅިގެން ގެއްލިގެން ދިޔައީ ހަމައެކަނި ދިވެހިން އަދާ ކުރަމުންދިޔަ ވަޒީފާތަކެއް އެކަންޏެއް ނޫނެވެ. ސާވިސް އިންޑަސްޓްރީގައި ގިނަ އަދަދެއްގެ ބިދޭސީން އަދާ ކުރަމުންދިޔަ ވަޒީފާތައްވެ ސް ވަނީ ގެއްލިފަ އެވެ. އެތައް ރިސޯޓެއް ބަންދު ކުރަން ޖެހުނުއިރު ރިސޯޓްތަކުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން އަޅާލީ ވެރިރަށް މާލެ ތެރެއަށެވެ.

އެމީހުން މިއަދު ދަނީ މަސައްކަތެއް ހޯދުމަށް މާލެތެރޭގައި ހިނގަމުންނެވެ. ގޭގެއަށް ވަންނަމުންނެވެ. މަގުމަތިން ފެނުނުހާ މީހަކަށް އެމީހުންގެ ހާލަތު ކިޔައިދީ އެހީތެރިކަމަށް އެދެމުންނެވެ. އެމީހުން އެ ދެނީ ދެ ކަމަކުން ކުރެ ކަމެއް ކޮށް ދިނުމަށެވެ. މަސައްކަތެއް ދިނުމަށެވެ. ނޫނީ އެ ވަގުތު ކާނެ އެއްޗެއް ދިނުމަށެވެ. މިދިއަ ހަފުތާއެއްހާ ދުވަހު އެފަދަ ބިދޭސީން މާލެތެރޭގައި ވަރަށް ގިނަވެފައި ވެއެވެ.

އެފަދަ ބައެއް މީހުންނާ ވާހަކަ ދައްކާލުން އޭގެ ތެރެއިން ބައެއް މީހުންނަކީ ރިސޯޓްތަކުގައި މީގެ ކުރިން ވަޒީފާ އަދާ ކުރަމުން އައި މީހުންކަން އެނގުނެވެ. ކޮވިޑާއެކު ރިސޯޓްތައް ބަންދު ކުރަން ޖެހުމުން ރިސޯޓްގެ ވެރިން އެމީހުން މާލެ ގެނެސް ދޫކޮށްލީ އެވެ. ބައެއް މީހުންނަށް ނިދަން ބައެއް ސައިޓްތައް ހަމަޖައްސާފައި ވެއެވެ. ނަމަވެސް މަސް ދެ މަސް ވެގެން ދިޔައިރު ވެރިމީހާގެ ހަބަރެއް ނެތެވެ.

"[އިބާރަތްތައް ރީތިކޮށްފައި] މާޗްގައި އަހަރެން މާލެ ގެނައީ. އަދި އަހަރެން ހުންނަ ސައިޓްގައި ބައިވަރު މީހުން އެކުގައި ނިދަނީ. އެކަމަކު ކާކަށް ނުދޭ... މުސާރައެއް ވެސް ނެތް، އަލުން ވަޒީފާއަށް ވެސް ނުދެވެނެ. ދެން ކިހިނެތް ކާނީ؟ އަހަރެން ކުރާނެ މަސައްކަތެއް ދޭންވީނު އެހެން ނޫނީ ކެވޭނެ ގޮތެއް ހަމަޖައްސައިދޭންވީނު!" މަގުމަތިން ދިމާވި ބިދޭސީއަކު ބުންޏެވެ.

މާލެތެރޭ މަސައްކަތެއް ހޯދުމަށް ނުވަތަ ކާނެ އެއްޗަކަށް ސަލާން ޖަހަމުންދާ ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ވިޔަފާރިވެރިންގެ ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ވެސް ހިމެނެ އެވެ. އެމީހުން ބުނާ ގޮތުން މާލެ ގެނެސް ސައިޓަށް ލީ ފަހުން އެމީހުންގެ ވެރިންގެ ހަބަރެއް ނުވެއެވެ.

އަަދި ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމާއެކު ކުންފުނީގެ އެކި ލެވެލްގެ މީހުން އައިސް ސައިޓްތަކުން ނުކުތުމަށް މިހާރު އަންގަމުންދެ އެވެ. އަދި ފުރޭނެ ގޮތެއް ހޯދައިގެން އަވަހަށް ފުރަން ވެސް އެމީހުންނަށް ދަނީ އަންގަމުންނެވެ. މީގެ އިތުރުން މާލޭގައި ކުރިން އެކި ވަޒީފާތަކުގައި ތިބި އެތައް ބިދޭސީނެއް ވެސް ވަޒީފާ ގެއްލި ސަލާން ޖަހަން މަގުމައްޗަށް ވަނީ ނުކުމެފަ އެވެ. އޭގެ ތެރޭގައި ސައި ހޮޓާތަކާއި ފިހާރަތަކުގައި މަސައްކަތް ކުރަމުންދިޔަ މީހުން ހިމެނެއެވެ. ކޮވިޑާއެކު އެމީހުންގެ ވަޒީފާ ގެއްލި، ވެރިމީހާ ވެސް ގެއްލުނީ އެވެ.

ބިދޭސީން ނުކުމެ މާލެތެރޭގައި ސަލާން ޖަހަން ފަށާފައިވާއިރު މި މަހުގެ ތެރޭގައި ބިދޭސީ މަަސައްކަތްތެރިން ވަނީ ވަރުގަދަ އިހުތިޖާޖުތަކެއްކޮށް ހަމަނުޖެހުން ހިންގާފަ އެވެ.

ރޭގައި ވެސް އެފަދަ ހަމަނުޖެހުންތަކެއް ވ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ތިބި ބިދޭސީންތަކެއް ވަނީ ހިންގާފަ އެވެ. އެމީހުން ވެސް ވަނީ އެ ރަށުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ވެސް ދީފަ އެވެ. މިމަހުގެ 13 ވަނަ ދުވަހު، ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ލޭބަރުންތަކެއް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ ފުލުހުންނާ ކުރިމަތިލާފަ އެވެ. ފުލުހުންނާ ކުރިމަތިލައި އޮށްގަލުން ހަމަލާދިން މަންޒަރުތަކުން ބިރުން ފިތްކަނޑައިގެންދާ ފަދަ އެވެ.

އެމީހުންގެ ތެރެއިން އެތައް ބަޔަކު ހައްޔަރުު ކުރަން ޖެހުނެވެ. ބިދޭސީ އެ މުވައްޒިފުންނަށް ވެސް މުސާރަ ނުދޭތާ އެތައް މަހެއް ފާއިތުވެއްޖެ އެވެ.

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް މުސާރަ ނުދީގެން އެ ރަށުގައި ވެސް އެމީހުން ހިންގީ ނުރައްކާތެރި ހަމަނުޖެހުންތަކެކެވެ. އެ ހަމަނުޖެހުންތަކުގައި 12 ދިވެހިން ރަހީނުކުރި އެވެ. އެމީހުންނަށް އަނިޔާތަކެއް ނުކުރި ނަމަވެސް ބިރުވެރި ކަމުގައި ރަހީނުގެ ގޮތުގައި އެމީހުން އެތައް ގަޑިއިރަކު ތިބެން ޖެހުނެވެ.

އަދި މައްސަލަ ހައްލު ކުރުމަށް އެ ރަށައްް އަރަށް މަސައްކަތް ކުރި ފުލުހުންނަށް އަތުޖެހުނު އެއްޗަކުން ބިދޭސީން ވަނީ ހަމަލާދީފަ އެވެ. ފުލުހުންނާ ކުރިމަތިލުމަށް ބިދޭސީން ރަށުގެ ޖެޓީއަށް ނިކުމެ ތިބި މަންޒަރަކީ ވެސް ބިރުވެރި މަންޒަރެކެވެ. އެ ހަމަނުޖެހުންތައް ވެސް ކޮންޓްރޯލް ކުރަން ބޮޑުފިނޮޅަށް ފުލުހުންނަށް އަރަން ޖެހުނީ މާލެއިން ގިނަ އަދަދެެއްގެ ފުލުހުން ގެންގޮސްގެންނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގައުމުތަކަށް އަނބުރާ ފޮނުވުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެންމެ ފުރަތަމަ ސަރުކާރުން ފެށީ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތެވެ. އެ ހެދި އެއްޗެއް ހެދުމަށް ފަހު 20،000 ވުރެ ގިނަ ބިދޭސީން ވަނީ ގަވާއިދަށް ފައްތާފަ އެވެ. އެ މަސައްކަތް ކުރިއަށް ދިޔައީ ދެފުށް ފެންނަ ގޮތަކަށް ނޫނެވެ.

އޭގެ ފަހުން ބިދޭސީންގެ މައްސަލަ ބޮޑުވުމުން މިއަހަރުގެ ތެރޭގައި 20،000 ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ނުރުހުމުގައި ގައުމަށް ފޮނުވާ ނުލެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލާގައި ވާހަކަ ދައްކަވާފަ އެވެ.

ބިދޭސީންގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށްވެ، މިއަދު ވެރިރަށުގައި ބިދޭސީން އެ ދަނީ މަސައްކަތެއް ދިނުމަށް ނުވަތަ ކާއެއްޗެއް ދިނުމަށް ސަލާން ޖަހަމުންނެވެ. މިއީ އަނެއްކާ ވެސް ބިދޭސީންގެ މައްސަލާގައި ފެށުނު އާ މަރުހަލާ އެކެވެ. މައްސަލަ ހައްލުނުވެ ދިގު ލައިގެން ގޮސްފިނަމަ މާދަމާ ފެންނާނީ އެހެން މަންޒަރެކެވެ. ގުރޫޕް ހަދައިގެން ނިކުމެ ވައްކަންކޮށް، ތަންތަން ލޫޓްވާ، ފޭރޭ މަންޒަރު ވެސް ފެނުމަކީ ދުރުކަމެއް ނޫނެވެ. އެ ހާލަތަށް ގައުމު ދިއުމުގެ ކުރިން އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހެއެވެ.