ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއްދީ، އެ މީހުން ރެޖިސްޓަރީ ވާން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ދިގު ކިޔޫތައް ހަދަމުން އެބަ ދެއެވެ.
ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ރެޖިސްޓަރީވާން ކޮންމެ ދުވަހަކު ކިޔޫ ހަދަމުންނެވެ. ނަމަވެސް މިނިސްޓްރީން ކޮންމެ ދުވަހަކު ދޫކުރަނީ 150 ނަންބަރެވެ. އެހެންވެ ރޭގަނޑު މެންދަމުއްސުރެ ކިޔޫ ހަދަން ފަށަ އެވެ. ރޭވެސް މެންދަމުން 2:00 ޖެހި އިރުވެސް ކިޔޫ ހަދަން ފަށާފައި ވެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓަރީ ވާން ސަރުކާރުން ދީފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.
ގަވާއިދާ ހިލާފު ބިދޭސީން ގެންގުޅޭ ކުންފުންޏެއްނަމަ އަލުން ރަޖިސްޓަރީ ކުރަން އޮންލައިންކޮށްހުށަހެޅޭ ގޮތް ވެސް ވަނީ ހަދާފަ އެވެ. ރަޖިސްޓަރީވާން ހަމަ އެކަނި ޖެހެނީ މިވަގުތު ވަޒީފާ ނެތި އުޅޭ މީހުނެވެ.
ޓާސްކްފޯހުގެ ޗެއާމަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ތަމްރީނު ނެތި ރާއްޖެ ގެންނަ ބަންގްލަދޭޝް މީހުން ހުއްޓުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ބެލެވިއްޖެ ހާލަތެއްގައި، ހަ މަސް ފަހުން އެ ނިންމުން ރިވިއު ކުރާނެ ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް ވޯކްޕާމިޓަށް އެދިފައި ތިބި ބަންގްލަދޭޝް މަަސައްކަަތްތެރިން މީގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.