ދުނިޔެ

ތެޔޮ އުފައްދާ މިންވަރު މަދުކުރަން ތާރީހީ އެއްބަސްވުމެއް

Apr 13, 2020
1

ކޮވިޑް-19 އާ ގުޅިގެން ތެލަށް އޮންނަ ޑިމާންޑު ދައްވެ، އަގުތައް އިންތިހާއަށް ދަށަށް ދިއުން ހައްލު ކުރުމަށް، ތެޔޮ އުފައްދާ މިންވަރު ކުޑަ ކުރުން އޯޕެކްގެ ގައުމުތަކުގެ މެދުގައި ތާރީހީ އެއްބަސްވުމަކަށް އައިސްފި އެވެ.

އިއްޔެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ގައުމުތަކުގެ މެދުގައި އެއްބަސްވެފައި ވަނީ ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް މަދު ކުރުމަށެވެ. މިއީ ފަހުގެ ތާރީހެއްގައި ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑުތަނުން މަދު ކުރުމަށް ގައުމުތަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ރަޝިއާ ހިމެނޭ ގޮތަށް އޯޕެކް ޕްލަސްގެ ގައުމުތަކުން އެފަދަ އެއްބަސްވުމެއް މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރި ނަމަވެސް، އޭރު އެ އެއްބަސްވުމަށް އަމަލު ކުރެވިފައި ނުވަނީ މެކްސިކޯއިން ތެޔޮ އުފައްދާ މިންވަރު ކުޑަކުރަން ދެކޮޅު ހެދުމުންނެވެ.

ނަމަވެސް، އިއްޔެ ގައުމުތަކުގެ މެދުގައި ވަނީ ތެޔޮ އުފައްދާ މިންވަރު ދުވާލަކު 9.7 މިލިއަން ފީފާ އިން މަދުކުރަން އެއްބަސްވެފަ އެވެ.

ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ.

ނަމަވެސް، މި ތާރީހީ އެއްބަސްވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ މިހާރު ވެސް ވަނީ އުފުލެން ފަށައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ގިނަ ގައުމުތަކެއް ލޮކްޑައުންކޮށް ކާފިއު ހިންގާފައިވާއިރު، ދުނިޔޭގެ ތެލުގެ ޑިމާންޑް ތިން ބައި ކުޅަ އެއް ބަޔަށް ވަނީ ވެއްޓިފަ އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޯޕެކް އަދި އޯޕެކް ޕްލަސްގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރުން ދުވާލަކު ގާތްގަނޑަކަށް 10 މިލިއަން ފީފާ މަދުކުރާއިރު، އެ ގުރޫޕުތަކުގެ ބޭރުން އެމެރިކާ، ކެނެޑާ، ބްރެޒިލް އަދި ނޯވޭ އިން ދުވާލަކު ފަސް މިލިއަން މިލިއަން ފީފާ ތެޔޮ މަދުން އުފައްދަން ވަނީ އެއްބަސްވެފަ އެވެ.