ދުނިޔެ

އެޕަލްގެ ސްމާޓް ގަޑިތައް އެމެރިކާގައި ވިއްކުން މަނާކޮށްފި

އެޕަލްގެ އެންމެ ފަހުގެ ސްމާޓް ގަޑިތައް އެމެރިކާގައި ވިއްކުން މަނާކޮށްފި އެވެ. ސްމާޓް ގަޑިތައް ވިއްކުން މަނާކުރި ނަމަވެސް -- މަނާކުރީ ވަކި މޮޑެލްތަކެކެވެ.

މިކަން މިގޮތަށް ދިމާވި ސަބަބަކީ އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ) އިން ކުރި ހުކުމެއް ވީޓޯކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެޕަލް ވޮޗް އަލްޓްރާ 2ގެ ގަޑިތަކާއި ވޮޗް ސީރީޒް 9 ގަޑިތައް އެމެރިކާގައި ވިއްކުން މަނާކުރީ އެޕަލް އާއި މެޑިކަލް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މަސިމޯއާ ދެމެދު އުފެދިފައި އޮތް ޕޭޓެންޓް މައްސަލައަކާ ގުޅިގެންނެވެ.

އެޕަލް ގަޑިތަކުގައި ގާއިމުކޮށްފައި ހުންނަ "ބްލަޑް އޮކްސިޖަން ލެވެލް" ލޭގައި އޮކްސިޖަން ހުންނަ މިންވަރު އަންގައިދޭ ޓެކްނޮލޮޖީ އަކީ -- އައިޓީސީން ބުނާ ގޮތުން މަސިމޯގެ ހައްގެކެވެ.

އެޕަލުން މި ޓެކްނޮލޮޖީ އެ ކުންފުނީގެ ސްމާޓް ގަޑިތަކުގައި ގާއިމުކޮށްފައިވަނީ މަސިމޯގެ ހުއްދަަ ނެތި އަދި މަސިމޯއަށް ދޭންޖެހޭ ބަދަލު ނުދީ ކަމަށްވެސް އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަންގެ ހުކުމުގައިވެ އެވެ.

އެޕަލްގެ ގަޑިތަކުގައި -- ލޭގައި އޮކްސިޖަން ހުންނަ މިންވަރު ދެނެގަނެވޭ ގޮތަށް ޓެކްނޮލޮޖީ ގާއިމުކުރި ދުވަހުން ފެށިންގެ މަސިމޯ އިން ވަނީ އެޕްލައާ ދެކޮޅަށް މައްސަލަ ޖައްސާފަ އެވެ.

މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުގެ ވިސްނުމެއްވެސް އެޕަލުން ނުގެންގުޅެ އެވެ. އަދި ކޯޓުގައި އެޕަލްއަށް ކާމިޔާބުވާނެކަންވެސް އޮތީ މީގެ ކުރިން ނޭނގުމެއް ގައެވެ.

އެޕަލްގެ އުފެއްދުންތަކާ ގުޅޭ ގޮތުން އައިޓީސީއަށް ހުށަހަޅާފައި ހުރި ގިނަ މައްސަލަތަކަކީ އެހެން ކުންފުނިތަކުގެ ފިކުރީ މުދަލުން އެޕަލް ވަންކަންކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައި ހުރި މައްސަލަތަކެވެ.

އައިޓީސީން ބުނާ ގޮތުން އެޕަލްގެ ސްމާޓް ގަޑިތަކުގައި އެހެން ކުންފުނިތަކުގެ ހައްގުތައް ގިނަ އެވެ. އައިޓީސީއަށް ހުށަހަޅާފައި ހުރި މައްސަލަތަކުން މިކަން ކަށަވަރުކުރެވޭ ކަމަށްވެސް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ގަޑިތައް ވިއްކުން މަނާކޮށްފައި އޮތުމުން ކުންފުންޏަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެޕަލުން މިހާރު ވަނީ ސޮފްޓްވެއާ މެދުވެރިކޮށް ހައްލެއް ހޯދަން މަސައްކަތް ފަށާފަ އެވެ.

ބެލެވޭ ގޮތުގައި އެޕަލުން ބަލާނީ މެސިމޯގެ އެއްވެސް ޓެކްނޮލޮޖީއެއް ބޭނުންނުކޮށް ގަޑިތައް ހިންގުމަށެވެ. އަދި ގަޑިތަކުން މި ޓެކްނޮލޮޖީ -- ވަގުތީ ގޮތުން އުނިކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެޕަލުން ވިއްކާފައި ހުރި ގަޑިތަކަކަށް މިކަހަލަ ބަދަލުތަކެއް ގެންނަނަމަ ގަޑިތައް ބޭނުންކުރާ މީހުންނަށް ބަދަލުދޭން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.