ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ތެލުގެ އަގު ފުރަތަމަ ފަހަރަށް މައިނަސްވެ، ތެޔޮ އުފައްދާ ކުންފުނިތަކުން ގަންނަ ފަރާތްތަކަށް ފައިސާ ދޭންޖެހޭ ހިސާބަށް ޑިމާންޑް ދަށްވެއްޖެ އެވެ.
އެއާއެކު ތެޔޮ ރައްކާ ކުރެވޭނެ ގޮތެއްނެތި، ތެޔޮ އުފައްދާ ކުންފުނިތަކުން ގަންނަ ފަރާތްތަކަށް ފައިސާދީގެން ސްޓޮކް ދަށްކުރަން ވަނީ މަޖުބޫރުވެފަ އެވެ.
އެގޮތުން، މެއި މަހުގެ ތެރޭގައި ގިނަ ކުންފުނިތަކަށް އިތުރަށް ރައްކާ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން، އިތުރު ވެފައިވާ ސަޕްލައި، ޓޭންކަރުތައް ކުއްޔަށް ހިފައިގެން ރައްކާ ކުރަންޖެހުމުގެ ސަބަބުން، އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު ވަނީ ނެގެޓިވްވެފަ އެވެ.
އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު ވަނީ މައިނަސް 37.63 އެމެރިކާ ޑޮލަރަށް ވެއްޓިފަ އެވެ. މިގޮތަށް ތެލުގެ އަގު މައިނަސްވެފައިވަނީ ތެލުގެ ވިޔަފާރި އާއްމުކޮށް ކުރާ ގޮތުންނެވެ.
ތެލުގެ ވިޔަފާރި އާއްމު އުސޫލުގެ ދަށުން ކުރަނީ މުސްތަގުބަލުގައި ތެލުގެ އަގު ހުންނާނެ އަންދާޒާއެއްގެ މައްޗަށެވެ. އެގޮތުން، މެއި މަހުގެ ކޮންޓްރެކްޓުތައް މިއަދުގެ ވަގުތެއްގައި ހަމަވާނެ އެވެ. އެހެންކަމުން، ގިނަ ކުންފުނިތަކުން ބޭނުންވީ، މިހާރު ހުރި ސްޓޮކް އަވަހަށް ހުސްކުރުމަށެވެ.
އެގޮތުން، ޖޫން މަހު ތެލުގެ އަގު ވެއްޓިފައިވީ ނަމަވެސް، ފީފާއެއްގެ އަގު އަދި ހުރީ 20 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް، އެ ހިސާބަށްވެސް ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި އަޅާފައިވާ ލޮކްޑައުން ދެމިއޮވެއްޖެނަމަ، ޖޫން މަހުގެ އަގުވެސް އިތުރަށް ވެއްޓިގެންދާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ތެލަށް އޮންނަ ޑިމާންޑު ދައްވެ، އަގުތައް އިންތިހާއަށް ދަށަށް ދިއުން ހައްލު ކުރުމަށް، ތެޔޮ އުފައްދާ މިންވަރު ކުޑަ ކުރުން އޯޕެކްގެ ގައުމުތަކުގެ މެދުގައި މިދިޔަ މަހު ވަނީ ތާރީހީ އެއްބަސްވުމަކަށް އައިސްފަ އެވެ.
އެގޮތުން، އޯޕެކް އަދި އޯޕެކް ޕްލަސްގެ ގައުމުތަކުގެ މެދުގައި އެއްބަސްވެފައި ވަނީ ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް މަދު ކުރުމަށެވެ. މިއީ ފަހުގެ ތާރީހެއްގައި ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑުތަނުން މަދު ކުރުމަށް ގައުމުތަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.
ނަމަވެސް، އަދިވެސް ދުނިޔޭގައި މިވަގުތަށް ތެލުގެ ޑިމާންޑަށް ވުރެ، ސަޕްލައި އަދިވެސް އިތުރުކަމަށް ވަނީ ބުނެފަ އެވެ. އެމެރިކާގައި އެކްސެސް ސަޕްލައިގެ މައްސަލަ ހައްލުކުރަން، އެމެރިކާ ގައުމީ ތެލުގެ ރިޒާވުން ތެޔޮ ގަންނަ މިންވަރު އިތުރުކުރައްވާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
ނަމަވެސް، ސަޕްލައި އިންތިހާއަށް އިތުރުވެ، ތެޔޮ ބޭނުންކުރާ މިންވަރު ދަށްވެފައިވާތީ، ތެޔޮ ރައްކާކުރެވޭނެ ކެޕޭސިޓީއެއް ނުހުންނާނެކަމަށްވެސް މާހިރުން ވަނީ ލަފާކޮށްފަ އެވެ.