ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގައި ލޮކްޑައުން އުވާލުުމުގެ ބާރު ގާނޫނީ ބަހުސަކަށް

Apr 14, 2020
1

ވޮޝިންގްޓަން (އޭޕްރީލް 14) - ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި އަޅާފައިވާ ލޮކްޑައުން އުވާލުމުގެ ފުރިހަމަ ބާރު ލިބިފައި ވަނީ ރައީސަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"[އެކަމުގައި] ހުރިހާ ބާރެއް ލިބިފައިވަނީ ރައީސަށް،" ނޫސްވެރިންނާ ޖަދަލު ކުރައްވަމުން ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، އެމެރިކާގެ ގާނޫނު އަސާސީގައި ބުނާ ގޮތުން، މުޖުތަމައުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބާރުތަކެއް ލިއްބައިދީފައި ވަނީ ވަކިވަކި ސްޓޭޓުތަކަށެވެ.

ގާނޫނީ މާހިރުންގެ ލަފައަށް ގޮންޖައްސަވައި ޓްރަމްޕް މި ގޮތަށް ވިދާޅުވެފައި ވަނީ، މީހުން ގޭގައި ތިބެން އަންގައި، އެމެރިކާގެ 10 ސްޓޭޓެއްގައި އަޅާފައިވާ ލޮކްޑައުން އުވާލަން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑް-19 އިގެ އާ އެޕިސެންޓަރުގެ ގޮތުގައި އެމެރިކާ ކަނޑައަޅާފައިވާއިރު، އެ ގައުމުގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 682،000 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އަދި މިހާތަނަށް 23،600 އަށް ވުރެ ގިނަ މަރާއެކު، އެއް ގައުމަކުން އެންމެ ގިނަ މަރުވެފައި ވަނީ އެމެރިކާގައި އެވެ.

އިއްޔެ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމެރިކާގެ އިގުތިސޯދު އަލުން ހިންގަން ފެށުމަށްޓަކައި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލޮކްޑައުން ލުއި ކުރުމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ނަމަވެސް، އެފަދަ ނިންމުމެއް މައި ސަރުކާރަށް ނިންމިދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ރައީސަށް ފުރިހަމަ ބާރުތަކެއް ލިބިފައިވާ ކަމަށެވެ.

"ފުރިހަމަ ބާރު ލިބިދޭ. އެކަން ގަވަރުނަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

އެހެނަސް، އާއްމު ސިއްހީ ރައްކާތެރިކަމަށް ސްޓޭޓު ލެވެލްގައި އަޅާފައިވާ ފިޔަވަޅެއް އުވާލުމުގެ ބާރު ރައީސަށް ލިބިފައި ނުވާކަމަށް ގާނޫނީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.