ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޓްރަމްޕްގެ ސިއްހީ އެޑްވައިޒަރު ވަކިކުރާ ވާހަކަ ދޮގުކޮށްފި

Apr 14, 2020

ވޮޝިންގްޓަން (އޭޕްރީލް 14) - ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި އަވަހަށް ފިޔަވަޅު އެޅިނަމަ، އެތަކެއް ފުރާނައެއް ސަލާމާތް ކުރެވުނީސް ކަމަށް ވައިޓްހައުސްގެ ސިއްހީ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވުމާ ގުޅިގެން، އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ މަގާމުން ވަކި ކުރަން އުޅޭ ވާހަކަތައް ވައިޓް ހައުސް އިން ދޮގުކޮށްފި އެވެ.

ފައުޗީ ވަކި ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައި ވަނީ، ފައުޗީ ވަކިކުރަންވެއްޖެ ކަމަށް ބުނެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރަކު ކުރި ޓްވީޓެއް، ރައީސް ޑޮނަލްޑް ޓްރަމްޕް ރީޓުވީޓު ކުރެއްވުމާ ގުޅިގެންނެވެ.

ނަމަވެސް، ފައުޗީ މަގާމުން ވަކިކުރަން ޓްރަމްޕް ނޫޅުއްވާ ކަމަށާއި، ފައުޗީއަކީ އަދިވެސް ޓްރަމްޕް ވަރަށް އިތުބާރު ކުރައްވާ އެޑްވައިޒަރެއް ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ފިޔަވަޅުތައް އަޅައި ލޮކްޑައުން ކުރެވުނުނަމަ، ހާލަތު ވަރަށް ބޮޑަށް ތަފާތުވީސް،" ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ މައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ފައުޗީ ވަނީ މީގެ ކުރިން ވެސް ޓްރަމްޕް ވިދާޅުވި ބައެއް ވާހަކަފުޅުތައް ރަނގަޅު ކޮށްދެއްވައިފަ އެވެ.

ހާއްސަކޮށް ކޮވިޑް-19 ރޯގާއާ ގުޅިގެން މެލޭރިއާ އާ ދެކޮޅަށް ބޭނުންކުރާ ބޭހެއް ކާމިޔާބުކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމާ ގުޅިގެން އެ ދެ ބޭފުޅުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.

ކޮވިޑް-19 އިގެ އާ އެޕިސެންޓަރުގެ ގޮތުގައި އެމެރިކާ ކަނޑައަޅާފައިވާއިރު، އެ ގައުމުގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 682،000 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އަދި މިހާތަނަށް 23،600 އަށް ވުރެ ގިނަ މަރާއެކު، އެއް ގައުމަކުން އެންމެ ގިނަ މަރުވެފައި ވަނީ އެމެރިކާގައި އެވެ.