ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްވެއްޖެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

Apr 16, 2020
2

ވޮޝިންގްޓަން (އޭޕްރީލް 16) - އެމެރިކާގައި ކޮވިޑް-19 ބަލި ފެތުރޭ މިންވަރު މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ބައެއް ސްޓޭޓުތަކުގައި މިހާރު އަޅާފައިވާ ލޮކްޑައުންތައް އުވާލާނެކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރަމްޕް ވިދާޅުވީ، ބައެއް ސްޓޭޓުތައް އަލުން ހުޅުވާލުމާމެދު ގަވަރުނަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު މިއަދުގެ ވަގުތެއްގައި ހާމަކުރައްވާނެ ކަމަށެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 638،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 30،800 މީހުން ވަނީ މަރުވެފަ އެވެ.

ޓްރަމްޕް އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ، ކޮވިޑް-19 އަލަށްޖެހޭ މީހުން މިހާރު ހުރީ ޕީކުގައި ކަމަށެވެ.

"އުއްމީދަކީ މި ގޮތަށް ކުރިއަށްގޮސް، އިތުރު ކުރިއެރުންތަކެއް ވަރަށް އަވަހަށް ލިބިގެންދާނެކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔޭގައި މިހާތަނަށް މަރުވި މީހުންގެ ނިސްބަތުން، އެމެރިކާގައި އެހާ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ޓްރަމްޕް ވަނީ މީހުން މަރުވި އަދަދުތައް އެހެން ގައުމުތަކުން އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"ބައެއް ގައުމުތަކުން ހާމަކޮށްފައިވާ އަދަދުތައް އެއްވެސް މީހަކަށް ގަބޫލުކުރެވޭނެތޯ،" ޗައިނާއަށް ސީދާ ނިސްބަތްކުރައްވަމުން ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން މީގެ ކުރިން ރާވާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ގިނަ ސްޓޭޓުތަކެއް ހުޅުވާލުމަށެވެ. ނަމަވެސް، ޓްރަމްޕް އިއްޔެ ވިދާޅުވީ، ބައެއް ސްޓޭޓުތައް އޭގެ ކުރިން އާއްމު ހާލަތަށް ގެނައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.