ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޯވިޑް ހަލުވިކަމާއެކު ފެތުރެން ފެށީ އަމިއްލަ އިހުމާލުން: މައުމޫން

ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށީ ސިއްހީ ހިދުމަތްތެރިންނާ ދައުލަތުން ދެމުންދިޔަ އިރުޝާދުތަކަށް ކަމާ ނުހިތުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ހަތަކަށް އެރުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. މިހާތަނަށް ޕޮޒިޓިވްވީ މީހުން ވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ބަޔަކާ ކޮންޓެކްޓްވެފައެވެ.

ސަރުކާރުން އިއްޔެ ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި މީހުންގެ އަދަދު 207 އަކަށް ވަނީ އަރައިފަ އެވެ. އަދި އެ އަދަދު އިތުރުވަމުން ދާ ކަމަށް ސަރުކާރުން ބުންޏެވެ.

ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އެ މީހުންގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށީ ސިއްހީ ހިދުމަތްތެރިންނާ ދައުލަތުން ދެމުންދިޔަ އިރުޝާދުތަކަށް ކަމާ ނުހިތުމުގެ ސަބަބުން ކަމަށެވެ.

"..ހިތާމައާއެކުވެސް ދަންނަވަން. ރާއްޖޭގައި ހަލުވިކަމާއެެކު ކޯވިޑް ފެތުރެން އެ ފެށީ އރުޝާދުތަކަށް ކަމޭ ނުހިތާތީ. އަމިއްލަ އިހުމާލުން. ދެންވެސް ގޭގައި ތިއްބަވާ. ޖިސްމާނީ ދުރުމިން ހިފަހައްޓަވާ. ﷲ ގެ ރަހުމަތަށް އެދެން." ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިއްޔެގެ ނޫސްވެެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް ވިދަޅުވީ ޕޮޒިޓިވްވީ މީހުން ގިނަ ބަޔަކާ ކޮންޓެކްޓްވެފައިވާ ކަމަށާ އެހާ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓްވީ މަސްދަތުރު ދިއުމާއި، ޕާޓީ ބޭއްވުމާއި، ބުރު ޖަހަން ދިއުން ފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.

"ދެން އުފެދޭ ސުވާލަކީ އެންމެ ފަސް ދުވަހުގެ ތެރޭގައި އެހާ ގިނަ މީހުނާ ކޮންޓެކްޓުވީ ކިހިނެއްތޯ. އެކަމުގައި ދަންނަވަން އޮތީ ހަމަ މޫވްމަންޓްތައް ގިނަވީމައޭ އެހެން މެދުވެރިވީ. މަސްދަތުރު ދިއުން، ޕާޓީ ބޭއްވުން، ބުރު ޖެހުން، ދަންނަ ގޭގެއަށް ގޮސްފައި އެބަހުރި. އެއްތަނަށް އެއްވެ އުޅެވިފަ ހުރީމަ މި އަދަދަށް މީހުނާ ކޮންޓެކްޓުވީ،" މަބުރޫކު ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 27 އަށް އަރާފައެވެ. އޭގެ ތެރޭގައި މާލެއިން ބައްޔަށް ޕޮޒިޓިވްވި ހަތް މީހުންވެސް ހިމެނެއެވެ.