ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފިޔަވަޅުތަކާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ

Apr 20, 2020
2

ވޮޝިންގްޓަން (އޭޕްރީލް 20) - ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، އިގުތިސޯދު ހުޅުވާލުމަށް ގޮވާލައި، އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި މީހުން މަގުތަކަށް މުޒާހަރާއަށް ނުކުމެއްޖެ އެވެ.

ބަލި ފެތުރުން ބައެއް ސްޓޭޓުތަކުގައި މިހާރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް، މާ އަވަހަށް ފިޔަވަޅުތައް ލުއިކޮށްފިނަމަ، ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެކަމަށް އެ ސްޓޭޓުތަކުގެ ގަވަރުނަރުން ގެންދަވަނީ ތަކުރާރުކޮށް އިންޒާރު ދެއްވަމުންނެވެ.

އެގޮތުން، އާދީއްތަ ދުވަހުވެސް ހަތަރު ސްޓޭޓެއްގައި ގިނަ އަދަދެއްގެ ބައަކު ވަނީ މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށްފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ގެންދަވަނީ އެ އިހުތިޖާޖުތަކަށް ހިތްވަރުދެއްވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑް-19 ފެތުރޭ އެޕިސެންޓަރަކަށް އެމެރިކާ ވަނީ ވެފަ އެވެ. އެމެރިކާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 735،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެ ބަލި އަލަށްޖެހިގެން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު ގިނަ ސްޓޭޓުތަކުގައި އަންނަނީ މަޑުޖެހެމުންނެވެ.

ވޮޝިންގްޓަންގައި ވެސް ގައިދުރުކުރުމުގެ އުސޫލުތަކާ ހިލާފަށް އެތަކެއް ސަތޭކަ މީހުން ވަނީ މަގުތަކަށް ނުކުމެ، އިގުތިސޯދު ހުއްޓުމަކަށް ގެނެސްފައިވާ ފިޔަވަޅުތައް ލުއިކުރުމަށް ގޮވާލައިފަ އެވެ.

ވައިރަސް ފެތުރުން މަޑުޖެހުމާއެކު، ބައެއް ސްޓޭޓުތަކުން ފިޔަވަޅުތައް ލުއި ކުރުމަށް ވަނީ މަޝްވަރާތައް ފަށައިފަ އެވެ. ނަމަވެސް، ބައެއް ސްޓޭޓުތަކުގައި އަޅާފައިވާ ފިޔަވަޅުތައް މާ ހަރުކަށިކަމަށް ޓްރަމްޕް ވިދާޅުވުމާއެކު، ގަވަރުނަރުންނަށް ވަނީ ރައްޔިތުންގެ ޕްރެޝަރު ބޮޑުވެފަ އެވެ.

އަދި ޓްރަމްޕް އެ މޭރުމުން ވާހަކަފުޅު ދެއްކެވުމަކީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އަމަލުކުރުމަށް ރައްޔިތުންނަށް ހިތްވަރުދިނުންކަމަށް ބުނެ، ބައެއް ގަވަރުނަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.