ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސްޕޭނުގެ ޑޮކްޓަރުންގެ ތަރުހީބުގެ އަތްތިލަބަޑި ޑްރައިވަރަކަށް

ޓެކްސީ ޑްރައިވަރެއް ސްޕޭންގެ ހޮސްޕިޓަލަކަށް ވަނުމާއެކު އޭނާއަށް އެ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތްތެރިން އޭނާއަށް ތަރުހީބުގެ ހޫނު އަތްތިލަބަޑިއަކުން މަރުހަބާ ކިއެވެ. އެކަމާ އެ މީހާ ވަރަށް ހައިރާންވި އެވެ. ނަމަވެސް ހަމަ ހަގީގަތުގައި ވެސް އެއީ އޭނާއަށް ހައްގު އަތްތިލަބަޑިއެކެވެ.

ކޮރޯނާވައިރަހުގެ ވަބާ އާ ސްޕޭން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި މި ޓެކްސީ ޑްރައިވަރުގެ އެއްވެސް އަމިއްލަ އެދުމެއް ނެތް ޚިދުމަތުގެ ވާހަކަ އެނގުމުން ކޮންމެ މީހަކު ވެސް ބުނާނީ އޭނާއަކީ ހަމަ މި ތަރުހީބު ދޭން ވަރަށް ހައްގު މީހެއް ކަމަށެވެ.

ހޮސްޕިޓަލަށް ބަލިވެގެން އަންނަ މީހުން ގެނެސްދިނުމާއި ރަނގަޅުވެގެން ދޫކޮށްލާ މީހުން ގެންގޮސްދިނުމުގައި މި ޑްރައިވަރު ރެޔާ ދުވާލު ހިލޭ ސާބަހަށް ޚިދުމަތް ދެއެވެ.

މި މީހާ ހޮސްޕިޓަލަށް ވަންނަ މަންޒަރު ސްޕޭނުގެ ސޯޝަލް މީޑިއާ ނެޓްވޯކަކުން މީހަކު ޝެއާ ކޮށްފައި ވެއެވެ. އަދި ފަހުން އެކިއެކި ޕްލެޓްފޯމްތަކުގައި މި ވީޑިއޯ އެތައް ބަޔަކު ވަނީ ޝެއާ ކޮށްފަ އެވެ.

ވީޑިއޯއިން ފެންނަނީ އެ މީހާ ހޮސްޕިޓަލަށް ވަންނަ މަންޒަރެވެ. އޭނާ އެތެރެއަށް އަޅާ ފުރަތަމަ ފިޔަވަޅާއެކު އެތެރޭގައި ސަފަކަށް އެތުރިގެން ތިބި ޑޮކްޓަރުންނާއި ނަރުހުން އަދި އެނޫންވެސް ސިއްހީ ޚިދުމަތްތެރިން އެމީހާއަށް ހޫނު އަތްތިލަބަޑިއަކުން މަރުހަބާ ކިޔާ މަންޒަރެވެ.

އެ ވަގުތު އެމީހާގެ މޫނުން ފެނުނީ ހަގީގަތުގައި ވެސް ވަރަށް ހައިރާންވެފައި ހުރި ކަމެވެ. ސަބަބަކީ އެ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތްތެރިން ދުރާލާ ރާވައިގެން އެމީހާއަށް މަރުހަބާ ކިޔުމަށް ތައްޔާރުވެގެން ތިބީމަ އެވެ. އޭނާއަށް ގުޅައިގެން ހޮސްޕިޓަލަށް ގެނައީ ޑިސްޗާޖްކުރި ބަލިމީހަކު ގެއަށް ގެންގޮސްދޭން އަންނާށޭ ކިޔާފަ ކަމަށް ވާތީ މިފަދަ ގޮތަކަށް އޭނާއަށް މަރުހަބާ ކިޔާފާނެ ކަމަށް އޭނާ ހުރީ ތައްޔާރަކަށް ނޫނެވެ.

ކޮންމެވެސް މީހަކު އޭނާއަށް ފައިސާ އަޅާފައި ހުރި ދެ ސިޓީއުރައެއް ވެސް ދިއްކޮށްލާތަން ވީޑިއޯއިން ފެނެ އެވެ. އެއީ އޭނާގެ މަސައްކަތުގެ އުޖޫރައެއް ނޫނެވެ. އޭނާގެ މި ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ދިން ކުޑަ ހަދިޔާ އެކެވެ.

މި ވީޑީއޯ ވައިރަލް ވުމުން ގިނަ ބަޔަކު ވަނީ އެ މީހާއަށް ވަރަށް ތައުރީފުކޮށް ކޮމެންޓްތައް ކޮށްފަ އެވެ. އެތަނުން އެކަކު ބުނެފައިވަނީ މި މީހާ ކަހަލަ ބަޔަކު މިހާރު ދުނިޔެއަށް ވަރަށް ބޭނުންވެފައިވާ ކަމަށެވެ.

"އަހަރެމެންގެ ތެރޭން ކޮންމެ މީހަކުވެސް ހަފުތާއަކު މިފަދަ އެންމެ ހެޔޮކަމެއް ނަމަވެސް ކުރާނަމަ ދުނިޔެ ކިހާ އުފާވެރި އަމާން ތަނަކަށް ވީސް،" ކޮމެންޓްކުރި މީހަކު ބުނެފައި ވެއެވެ.