މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ އަކީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. އަދި މި ވިއްސާރައިގެ އަސަރު ކުރިއަށް އޮތް ތިން ދުވަހަށް ވެސް ދެމިގެންދާނެ ކަމަށެވެ.
މިހާރު މިއީ އިރުވައި މޫސުން ނިމި ހުޅުނގު މޫސުމުގެ އައްސިދަ ނަކަތެވެ. މި ނަކަތް ނިމެނީ މާދަމާ އެވެ. ދެން ފަށާނީ ހުޅަނގުގެ ދެވަނަ ނަކަތް ކަމަށްވާ ބުރުނެވެ. އާންމުކޮށް ހުޅަނގުގެ ވިއްސާރައިގެ ބާރުގަދަ ކުރަން ފަށަނީ ބުރުނުގެ މެދާ ހަމައިން އެވެ.
މެޓްގެ އޮފިޝަލް މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މި ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށެވެ
"ރާއްޖޭގެ ދެކުނުގެ ރަށްތަަކަށް މި ވިއްސާރައިގެ މާބޮޑު އަސަރެއް ނުކުރާނެ. އެކަމަކު ރާއްޖޭގެ އެހެން ހުރިހާ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ. އެކަމަކު އެއްވެސް ރަށަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ،" އޮފިޝަލު ވިދާޅުވި އެވެ.
މެޓްފޯކާސްޓް ބުނާ ގޮތުން ރާއްޖޭގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ އެވެ. ވައި ޖެހޭނީ ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގަ އެވެ. ވިލާގަނޑުގައި 35 މޭލާއި 40 މޭލަށް ވައި ބާރުވާނެ އެވެ.
ވިއްސާރައިގައި އާންމުކޮށް ރާއްޖޭގެ ބައެއް ރަށްތަކުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގަ އެވެ. އެހެން ކަމުން ގެތަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާތައް ޖަހައި ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިދުވަސްވަރަކީ ކޮވިޑް-19 އިގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ވެސް ކުރަމުންދާ ދުވަސްވަރަކަށްވުމުން އާންމު ސާފުތާހިރު ކަމަށާއި މަދިރި ނުއުފެދޭހެން ފެން ހަރުލާ ފަދަ އެއްޗެހި ނުބެހެއްޓުމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެ އެވެ.