ކޮވިޑް-19 އިގެ ބަލާއާފާތް މުޅި ރާއްޖެއަށް ފެތުރިފައި ވެއެވެ. އެހެންވެ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ މި އޮތީ ކޮވިޑްގެ ނުރައްކާތެރި ހިސާބަކަށް ގެންގޮސްފަ އެވެ. މިދިޔަ ބުދަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭހާއެކު ފުލުފުލުގައި މީހުން ދަނީ އެ ބައްޔަށް މީހުން ޕޮޒިޓިވް ވަމުންނެވެ.
ދިވެހިންނާއި، ބިދޭސީނައިގެން ފުރިފައިވާ މާލޭގައި ބަލި ފެތުރެން ފެށުމަކީ މުޅީ ރާއްޖެ އޭގެ ސަބަބުން ނުރައްކަލަށް ހުށައެޅިގެންދާނެ ކަމެއްކަން ކުރިންވެސް އޮތީ ޔަގީން ކުރެވިފަ އެވެ. އެހެން ކަމުން ސަރުކާރާ، ކަމާގުޅުން ހުރި އިދާރާތަކުން ފިޔަވަޅުތައް އަޅަމުން ދިޔައީ ވެސް އެކަން ކަމަށް ބަލައިގެނެވެ. ނަމަވެސް އެ ފިޔަވަޅުތަކާއެކު ވެސް މާލޭގައި ބަލި ފެތުރުނީ އެވެ. މިހާރު ކޮންމެ ދުވަހަކުވެސް 15 ނޫނީ 17 މީހުނަށް ބަލި ޖެހެއެވެ. ފާއިތުވި ތިން ދުވަހުގެ ނަތީޖާތައް ފެންނަނީ އެގޮތަށެވެ.
މިކަންބޮޑުވުމުގައި ވަނިކޮށް އަތޮޅުތަކުގެ ތެރިން ފުރަތަމަ ޕޮޒިޓިވް ކޭހެއް ވަނީ ފެނިފަ އެވެ. އުތުރުން ހއ. އުލިގަމުގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން އުލިގަމަށް ދިޔަ ދިވެއްސެކެވެ. އޭނާ ދަތުރުކޮށްފައިވަނީ ހއ. އިހަވަންދޫ ކާވިއާ ބޯޓުގަ އެވެ. އެއީ ބޭސްފަރުވާއަކަށް މީހަކު ގޮވަައިގެން މާލެ އައިސް އުޅެފައި އެ ދަތުރުގައި ރަށައް ދިޔަ މީހެކެވެ. ގިނައިން އެ މީހާ އުޅެފައި ވަނީ ހޮސްޕިޓަލްގައި ކަމަށް އެނގިފައި ވެއެވެ. އެހެން ކަމުން އެ މީހާއަށް ބަލި ޖެހިފައި ވަނީ މާލެއިންކަން ޔަގީން ކުރެވެ އެވެ. އަދި ދަތުރަށް އެރިއިރު އަލާމަތްތައް ނުފެނުނު ނަމަވެސް ވައިރަހުގެ އަސަރު ކޮށްފައިވާނެ ކަން ކަށަވަރެވެ.
އޭގެ ފަހުން އޭނާއާ ގުޅުންހުރި އިތުރު މީހަކުވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެމީހާގެ އެއްވެސް މައުލޫމާތެއް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައިވަނީ އެއީ އުލިގަމުން ފުރަތަމަ ފެނުނު ކޭސްއާ ގުޅުންހުރި މީހެއް ކަމަށެވެ. އޭނާގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.
މީގެ އިތުުރުން އިތުރު ހަތަރު މީހެއްވެސް ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭގެ ތަފްސީލެއް ވެސް ނެތެވެ.
މިއީ އިންތިހާއަށް ކަންބޮޑުވުން އޮތް ކޭހެކެވެ. އެއީ އެމީހާ ދަތުރުކުރި "ކާވިޔާ" ބޯޓުން މިމަހުގެ 15 ވަނަ ދުވަހު 150 އެއްހާ މީހުން ދަތުރުކޮށްފައިވާތީ އެވެ. އަދި އެއީ އުތުރުގެ އެކި ރަށްތަކަށް ނިސްބަތްވާ މީހުނަށް ވެސް ވާތީ އެވެ.
ބޯޓްގައި އޭނާ އޮތީވެސް އެތައް ބަޔަކާއެކުގަ އެވެ. ވިއްސަކަށް ގަޑިއިރުގެ އެ ދަތުރުގައި އޭނާއާ އެތައް ބަޔަކާ ވާނީ ބައްދަލުވެ އެމީހުންނާއެކު ކައި ބޮއި ހަދާފަ އެވެ. އަދި ބޯޓްގެ ފާހާނާއާ އެެހެން ތަންތަނަށް އޭނާ ވަދެފައި ވާނެ އެވެ.
"ބޯޓްގެ މަތި އަދި މެދުބައި ވެސް ގާތްގަނޑަކަށް ފުލްކޮށް މި ދަތުރުކުރީ. އޭނާ އޮތީ މެދުބައިގައި، އެބައިގައި ވެސް ގިނަ އަދަދެއްގެ މީހުން ތިބި، އަނެއްކާ އެއީ އެކި ރަށުގެ އެކި މީހުން. އެމީހުން މިހާރުވީ އެމީހެއްގެ ރަށުގައި." ބޯޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ކާވިޔާ" އަކީ ހދ. އަތޮޅުގެ ރަށަކާއި ހއ. ގެ ގިނަ ރަށްތަކަށް ދަތުރުކުރާ ބޯޓެވެ. މިމަހުގެ 15 ވަނަ ދުވަހު ކުރި ދަތުރުގައި ވެސް އުލިގަމުގެ އިތުރުން ވައިކަރަދޫ އާއި ނޮޅިވަރަންފަރާއި އިހަވަންދޫ އަދި ތަކަންދޫއަށް ވެސް ދަތުރު ކުރިއެވެ.
އެޗްޕީއޭއިން ވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. ނަމަވެސް 24 ގަޑިއިރަށްފަހު ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތު ވަނީ ނަގާފަ އެވެ. އެއީވެސް އާންމުންގެ ކަންބޮޑުވުމެވެ.
ބޯޓުން ދަތުރުކުރި މީހަކު އަދި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެ ރަށްތައް އެހާ އަވަހަށް މޮނިޓަރިންގެ ހާލަތުން ނެގުމަކީ ރައްޔިތުންނާ ކައުންސިލްތަކުގެ ކަންބޮޑުވުމެވެ. އެ ކަންބޮވުން ރަސްމީ ސިފައެއްގައި ގިނަ ކައުންސިލްތަކުން ވަނީ އެޗްޕީއޭއާ ހިއްްސާވެސް ކޮށްފަ އެވެ.
އެޗްޕީއޭއިން އެ ނިންމުން ނިންމި ނަމަވެސް ރަށްރަށުގެ ޓާސްކް ފޯސްތަކުން ވަނީ އެ ރަށްރަށްް ލޮކްޑައުންގައި ބޭއްވުމަށް ނިންމާފަ އެވެ. އަދި ގެއިން ބޭރަށް ނުކުމެ އުޅުމާއި، އެ ނޫންވެސް ހުރިހާ ހަރަކާތެއް ވަނީ ހުއްޓާލާފަ އެވެ.
ދަތުރުކުރި މީހުންގެ ސާމްޕަލް ނުނަގާ
ހަތް ރަށަކަށް ދަތުރުކުރާ އެ ބޯޓުން 150 އާ ގާތް ކުރާ އަދަދަކަށް މީހުން ދަތުރުކުރި އެވެ. ނަމަވެސް މިހާތަނަށް ވެސް އެއިން އެއްވެސް މީހެއްގެ ސާމްޕަލެއް ނަގާފައެއް ނުވެއެވެ. މިކަމާވެސް ރަށްރަށުގެ ޓާސްކް ފޯހުގެ ކަންބޮޑުވުން އެބައޮތެވެ. އެންމެން ވެސް ތިބީ ދެންވެދާނެ ގޮތަކާމެދު ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
"މި ދައްކަނީ ބޯޓެއްގެ ތެރޭގައި ވިހި ނޫނީ ފަންސަވީސް ގަޑިއިރުގެ ދަތުރެއްގައި ބައްޔެއް ޖެހިފައިވާ މީހަކު ހުރެގެން ދަތުރުކުރި ވާހަކަ. އެ ވަގުތުތަކުގައި ދެފަހަރު ކާން ވެސް ދޭނެ. އެތައް ފަހަރަކު ކޮންމެ މީހަކު ފާހާނާ ވެސް ވަންނާނެ. ބައެއް ފަަހަރަށް މަތީގެ ޑެގަށް އަރާ އެކި މީހުން އެކިތަންތާގައި އޮށޯންނާނެ. އެހެންވީމަ މިއީ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިދާނެ ނުރައްކާތެރި ހާލަތްތަކެއް. ވީއިރު ރައްކާތެރިކަމަށްޓަކައި އެންމެންގެ ވެސް ސާމްޕަލް ނެގުން ވަރަށް މުހިންމު. އަދި އެ މީހުންގެ ހިތްހަމަޖެހުމަށްޓަކައި ވެސް އެއީ ކުރަންޖެހޭ ކަމެއް." ވައިކަރަދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ބޯޓުން ދަތުރުކުރި އެންމެވެސް ތިބީ މިހާރު ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. ބޯޓުން އޭނާއާ ބައްދަލުވިތޯ އަދި އޭނާއާ ކިހާ ވަރަކަށް ކޮންޓެކްޓްވެވުނުތޯ ވެސް ޔަގީން ނުކުރެވި ތިބީ ބޮޑު ޝައްކެއްގެ މަތީގަ އެވެ. އެންމެން ކަހަލަ ގޮތަކަށް ވެސް ތިބީ ހޯމް އައިސޮލޭޝަންގަ އެވެ. މި ދަތުރުގައި ގިނައިން ދަތުރު ކުރީ އާއިލާތައް އެކުގަ އެވެ. ގޯސް ހާލަތަށް ގޮސްފިނަމަ ގިނަ ބަޔަކަށް ބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
"ޔަގީންނުންވެސް އޭނާ ކައިރި އޮތް މީހެއް ވެސް އޮންނާނެ ނޫންތޯ. އެ ބޯޓަކީ [ކާވިޔާ] އެހެން މީހުން އުފުލާ ބޯޓްތަކެކޭ އެއްގޮތަށް އޮށޯވެލަން ކުދިކުދި ގޮޅިތަކެއް ހަދާފައިވާ ބޯޓެއް. އެހެންވީމަ ހަމަ އެކަކު އަނެކަކާ ޖެހިގެން ކަހަލަ ގޮތަކަށް އޮވެވޭނީ. އެހެންވީމަ އެއްވެސް މީހެއްގެ ސާމްޕަލް ނުނެގުން އެއީ ކަންބޮޑުވުމެއް. އަޅުގަނޑުމެންނަށް ޔަގީންކަން ދިނުމަށް ވެސް ކޮންމެ ވެސް ބައެއްގެ ސާމްޕަލްނަގާ ނަތީޖާ ދެއްކުން ވެސް އެއީ މުހިންމު ކަމެއް." ތަކަންދޫއަށް ކާވިޔާއިން ދަތުރުކުރި އާއިލާއެއްގެ އިސް މީހަކު ބުންޏެވެ.
އެޗްޕީއޭއިން ބުނާ ގޮތުން މިހާތަނަށް އެ ބޯޓުން ދަތުރުކުރި އިތުރު ބައެއްގެ ސާމްޕަލްތައް ނަގާފައެއް ނުވެއެވެ. ނަމަވެސް އެކަން ނުކުރީ ކީއްވެގެން ކަމެއް ނުބުނެ އެވެ.
އުލިގަމު ކޭހާ ގުޅުންހުރި އިތުރު ކޭހެއް ފެނުމަކީ ނުރައްކާތެރި އިންޒާރެއްގެ ސިގްނަލެކެވެ. ނުވަތަ އެއީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލިބުނު މެސެޖެކެވެ. މިއީ ފަސޭހަކޮށް އަޅާނުލެވި ދޫކޮށްލެވިގެންވާނެ ކަމެއް ނޫނެވެ. މިކަން ފަސޭހަކޮށްލައިފިނަމަ ކާވިޔާ ބޯޓްގެ މި ދަތުރަކީ މުޅި އުތުރު ބަލިކޮށްލުމަށް މެދުވެރިވި ދަތުރަކަށް ވެގެން ހިނގައިދާނެއެވެ.