ކޮވިޑްގެ ބަލިމަޑުކަމުގައި 326 ދުވަސް ހޭދަވެގެން ދިޔައިރު ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑުވި ދުވަސްތަކެއް ވެސް ހިނގައްޖެ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު 200 އިން މައްޗަށް ވެސް އެރި އެވެ. އޭގެ ސަބަބުން ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. ކާފިއު ހިންގުމާއި މިސްކިތުގެ ޖަމާއަތް ހުއްޓާލުމާއި ސުކޫލު މަދަރުސާތައް ބަންދު ކުރުމެވެ. ކެފޭ / ހޮޓާތައް ބަންދު ކުރުމާއި ފިހާރަތަކުން ހިދުމަތް ހޯދޭ ވަގުތު ކުރުކުރި އެވެ. ދަތުރުފަތުރު މުޅީންހެން ހުއްޓި އެބަޔަކު ތިބި ތަނެއްގައި ތިބެން މަޖުބޫރުވި އެވެ.
ފިޔަވަޅުތަކަށް ލުއި ދޭން ފެށީ ނުރައްކާ ކުޑަވެ އަލުން އާންމު ހާލަތަށް ރުޖޫއަ ވެވިދާނެ ކަމުގެ އިޝާރާތްތައް ލިބެން ފެށުމުންނެވެ. އެހިސާބުން މިސްކިތްތައް ހުޅުވާލައި ނަމާދު ޖަމާއަތް ފެށިއެވެ. ސުކޫލު، މަދަރުސާތަކާއި ޔުނިވާސިޓީ ކޮލެޖްތަކުގެ ކިޔެވުން ފެށިއެވެ. ކާފިއުގެ ވަގުތު މަދު ކުރަމުން ގޮސް އެކަން މުޅީން އުވާލި އެވެ. އަދި އިތުރު އެތައް ލުއިތަކެއް ދިނެވެ.
މި ލުއިތަކާއެކު މާގިނަ ދުވަސްތަކެއް ހޭދަ ނުވަނީސް އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރަން މި ވަނީ ފަށާފަ އެވެ.
އަލުން ކާފިއު ހިންގަން ފަށާފައިވާއިރު ޕާޓީތަކާއި އެއްވުންތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނަލެވެ. މާލެއިން ރަށްރަށަށްދާ އެންމެން ކަރަންޓީންވާން މަޖުބޫރެވެ. ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި އެންމެން 10 ދުވަހުގެ ކަރަންޓީނެއްގައި ހުންނަން ލާޒިމެވެ. ކެފޭތަކާއި ސައި ހޮޓާތައް ރޭގަނޑު 11:30 ގައި ބަަންދު ކުރަން ޖެހެއެވެ. ކޮންމެ ރެއެއްގެ 12:00 އިން ފަތިހު 4:30 އަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި ވެހިކަލް ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުން މަނަލެވެ. އެއް ދުވަހު ހުއްދަ ކޮށްފާނެ އެވެ. އަނެއް ދުވަހު އެ ހުއްދަ އުވާލާފަނެ އެވެ.
މި ފިޔަވަޅުތައް އައީ ޖެހިޖެހިގެން ތިން ދުވަހު ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް ދިއުމުންނެވެ. މިދިޔަ އާދީއްތަ ދުވަހު 108 މީހަކު ވަނީ ޕޮޒިޓިވްވެފައި ވެއެވެ. ހޯމަ ދުވަހު 109 މީހަކު އަދި އަންގާރަ ދުވަހު 145 މީހުނެވެ. އިއްޔެވެސް 143 މީހުން ޕޮޒިޓިވްވި އެވެ. ދުވަހުގެ ކޭސްތައް 100 އިން މައްޗަށް ދިއުމުން އަލުން ކާފިއު ހިންގާ ފިޔަވަޅުތައް ހަރުކަށިކޮށް ބައެއް ކަންކަން ކުރުން މަނާ ކުރިއިރު އެ ނިންމުން އައުމުގެ 48 ގަޑިއިރު ކުރީން އެތައް ކަމަކަށް އޮތީ ލުއި ވެސް ދީފަ އެވެ.
އެއީ މިދިޔަ އަހަރު ބަންދުކުރި ސިނަމާތައް އަލުން ހުޅުވުމުގެ ހުއްދަ އާއި އަމިއްލަ މީހުން ހިންގަމުންދިޔަ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް އަލުން ހުޅުވުމުގެ ހުއްދަ އެވެ.
ފިޔަވަޅުތަކަށް ލުއި ދީ، ފިޔަވަޅުތައް ހަރުކަށި ކުރަނީ ކިހާ ވަރެއްގެ ބެލުމެއްގެ އަލީގައި ހެއްޔެވެ؟ ކަމާބެހޭ އިދާރާތަކުން ކުރާ ދިރާސާއަކީ ކޮބައި ހެއްޔެވެ؟ ނޫންނަމަ ފިޔަވަޅުތަކާމެދު ގޮތް ނިންމާއިރު ބަލަނީ ކޮންކޮން ކަންތައްތަކަކަށް ހެއްޔެވެ؟ މި ސުވާލުތައް އާންމުން ވަރަށް ބޮޑަށް އުފައްދަ އެވެ. އެއީ ސަބަބުތައްވެސް ހުރެގެނެވެ.
އެއް ކަމަކީ ފިޔަވަޅުތައް ހަރުކަށި ކުރާ ކުރުމުގައި ގެންގުޅޭ އުސޫލެވެ. ހަލަބޮލި މާލެ ސިޓީގެ މަގުތަކަށް މެންދަމުގެ ހަމަހިމޭންކަން ގެނުވާ ހަތަރުވަރަކަށް ގަޑިއިރުގައި ކާފިއު ހިންގަނީ ކީއްކުރަންތޯ އެއީ އެންމެ ގިނަ ބައެއްގެ ސުވާލެވެ. މިހާރު ކާފިއު އެ ހިންގާ ހަތަރުގަޑިއިރާއި ތިރީސް މިނެޓުން ނުކުންނަ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އެ ވަގުތު ކާފިއު ހިންގަނީ އެގަޑީގައި ކޮން ކަމެއް ހިނގާތީ ހެއްޔެވެ؟
މިއީ ގިނަ ބައެއްގެ ފާޑުކިޔުމެއް އެޗްޕީއޭ އާއި އެހެން އިދާރާތަކަށް ވަރަށް ބޮޑަށް އަމާޒުވާ ކަމެކެވެ. ބައެއް މީހުން ޖޯކް ކުރާ ގޮތުން ގޮތުން "ކޮވިޑް އެންމެ ހަރަކާތްތެރި ވަގުތަކީ ރޭގަނޑު 12:00 އިން ފަތިހު 4:30" އެކެވެ. އެ ގަޑީގައި ކާފިއު ހިންގަނީ އެހެން ވެގެނެވެ.
މި ގޮތަށް ފިޔަވަޅު އެޅުމުން އިތުބާރު އޮންނަން ޖެހޭ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލެ އެވެ. އެ އިދާރާގެ ނިންމުންތައް ޖޯކެއްގެ ގޮތު ބަޔަކަށް ގަބޫލު ކުރެވެ އެވެ. އެހެންވެ ރައްކާތެރިކަމަށްޓަކައި ނިންމާ ނިންމުންތަކުގެ ސަބަބު ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހެއެވެ.
މީގެ ކުރިން ވަރަށް ގިނަ ވަގުތުވެސް މާލޭގައި ކާފިއު ހިންގައިފި އެވެ. ނަމަަވެސް ލުއި ވަމުން ލުއި ވަމުން ގޮސް ނިމެނީ މިހާރު ވެސް މި އޮތްގޮތަށް ރޭގަނޑު 12:00 އން ފަތިހު 4:30 އަށެވެ. ކުރީންވެސް އާންމުން އެ ސުވާލުކުރި އެވެ. އާންމުކޮށް މީހުން މަގުމައްޗަށް ވެސް ނުކުމެ ނޫޅޭ ވަގުތެއްގައި ކާފިއު ހިންގަނީ ކީއްކުރަން ހެއްޔެވެ.
މުޅި ދުވަހު މަގުތައް އޮންނަނީ ފުރިފަ އެވެ. ކަސްރަތުކުރާ ޓްރެކްތަކާއި ކެފޭ، ހޮޓާތައް އޮންނަނީ މީހުންނައިގެން ތޮއްޖެހިފަ އެވެ. ވީއިރު ގިނަ މީހުން ނިދާފައި ތިބޭ ގަޑި އެއީ ކާފިއު ވަގުތު ކަމުގައި ކަނޑައެޅީ ކޮން ފައިދާއެއް އެކަމުގައި އޮވެގެން ހެއްޔެވެ؟
ހަރުކަށި ކުރި ފިޔަވަޅުތައް
- ރޭގަނޑު 12 އިން ފަތިހު 4:30 އަށް ކާފިއު
- ކައިވެނި ޕާޓީތައް ބޭއްވުން މަނާ
- އެއްވުންތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ
- ކެފޭ/ހޮޓާ ފަދަ ހިދުމަތްދޭ ތަންތަން 11:30 ގައި ބަންދު ކުރުން
- ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީނުވުން
- އެޗްޕީއޭއިން ދޭ ހާއްސަ ހުއްދަ ދިނުން ހުއްޓާލުން
ފިޔަވަޅުތަކަށް ލުއި ދިނުމާއި ފިޔަވަޅުތައް ހަރުކަށި ކުރުމުގައި އަމަލު ކުރާ އުސޫލެވެ. ސިނަމާތައް އަލުން ހުޅުވުމުގެ ހުއްދަ އާއި އަމިއްލަ މީހުން ހިންގަމުންދިޔަ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިންތާ 48 ގަޑިއިރު ފަހުން އަލުން ފިޔަވަޅުތައް ބޮޑުތަނުން ހަރުކަށި ކުރި އެވެ. ކެފޭތަކާއި ހޮޓާތައް މެންދަމު 1:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ނިންމިތާ 48 ގަޑިއިރު ނުވަނީސް އެ ނިންމުމަށް ބަދަލު ގެނަ އެވެ. މިއީ ރޭވުންތެރި ކަމެއް ނެތުމެވެ. ބަލަން ޖެހޭ މިންވަރަށް ނުބެލި ދިއުމެވެ.
ބައެއް މީހުން މިކަން ގުޅުވަނީ ސިޔާސީ ނިންމުންތަކާ އެވެ. ފަސް ކުރަމުންދާ ކައުންސިލް އިންތިހާބަށް ތާރީހެއް ދޭ ކޮންމެ ފަހަރަކު ކޮވިޑްގެ ކޭސްތައް އިތުރުވެ އެވެ. އިދިކޮޅުގެ ހަރަކާތް ފުޅާކޮށް އެއްވުންތައް އިތުރު ކުރާނެކަން އިއުލާނު ކުރުމާއެކު ކޮވިޑްގެ ފިޔަވަޅުތައް ހަރުކަށި ވެއެވެ. އެ ނަޒަރުން ވިސްނާ މީހުން ބުނާ ގޮތުން އެޗްޕީއޭގެ ނިންމުންތަކަކީ ސަރުކާރުގެ ސިޔާސީ ނުފޫޒުގައި ނިންމާ ނިންމުންތަކެކެވެ. އެކަން އެޗްޕީއޭގެ އިސް ބޭފުޅުންނާއި ބައްދަލު ކުރުމުން ސާފުވެފައިވާ ކަމަށްވެސް އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.
އިދިކޮޅުން އެ މޭރުމުން ވާހަކަ ދައްކަނީ ހަގީގަތެއް ނެތި ސިޔާސީ ބޭނުމެއްގައި ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް ދެރައީ އިތުބާރު އޮންނަން ޖެހޭ މުއައްސަސާއަކާމެދު މިފަދައިން ވާހަކަ ދައްކަން ފުރުސަތު ލިބޭތީ އެވެ. އިދާރާތަކުގެ ނިންމުންތަކާއި އަމަލުތައް ހުންނަނީ އެފަދަ ވާހަކަތައް ދައްކާ ސުވާލުތައް އުފައްދަން ފުރުސަތު ލިބޭ ގޮތަށެވެ.
ކާފިއު ހިންގާ ވަގުތާއި ގުޅޭގޮތުން އުފެދޭ ސުވާލުތައް ތަކުރާރުކޮށް އެޗްއީއޯސީއާ ކުރެ އެވެ. މެންދަމު ކާފިއު ހިންގަނީ ކޮން ދިރާސާއެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލު ކުރެ އެވެ. އެ ސުވާލުތަކަށް އެޗްއީއޯސީގެ ޖަވާބެއް ނޯވެ އެވެ.
ކޮވިޑްގެ ހާލަތާއި ގުޅޭ ހަގީގީ މައުލޫމާތު އަބަދުވެސް ރައްޔިތުންނަށް ދޭން ޖެހެއެވެ. ނަންބަރުތަކާއި ނުކުޅޭ ކަމުގެ ކަށަވަރުކަން ދޭން ޖެހެއެވެ. އާންމު ކުރާ ނަންބަރުތަކާއި މައުލޫމާތު ތަކަކީ ސައްހަ މައުލޫމާތުތައް ޔަގީންކޮށް ދޭން ޖެހެއެވެ. އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއްކަން ރައްޔިތުންނަށް ވިސްނޭނެހެން ސާފުކޮށް ބުނެދޭން ޖެހެއެވެ. އެހެން ނޫނީ އިތުބާރު ގެއްލި ގިނަ ރައްޔިތުން ފިޔަވަޅުތަކަށް ތަބާވުން ދޫކޮށްލާނެ އެވެ.