ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފިޔަވަޅުތަކުގައި ހިފަަހައްޓާ، ކޮވިޑް ނެތިގެން ނުދޭ!

ކޮވިޑްގެ ނުރައްކާތެރި ރާޅުތައް ރާއްޖެއަށް ބިންދާލިތާ 214 ދުވަސްވީއެވެ. މިދިޔަ ހަތް މަހެއްހާ ދުވަހު ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިންވެސް ގިނަ ތަޖުރިބާތަކެއް ކޮށްފި އެވެ. ބައެއް މަސްތަަކަކީ ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑުވި މަސްތަކެކެވެ. އެކަމާއި ގުޅިގެން ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވިއެވެ. އާންމު ދިރިއުޅުން މުޅިންހެން ބަދަލުވިއެވެ.

ކޮވިޑްގައި ދިވެހިން ހޭދަކުރި އެންމެ އުނދަގޫ ދުވަސްތައް އައީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 3،900 މީހުން ބަލިވިއެވެ. 12 މީހަކު މަރުވިއެވެ. ބައެއް ދުވަސް ދުވަހު 200 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން ދިޔައެވެ. ކޮވިޑްގެ ބިޔަ ރާޅުތައް އޮގަސްޓް މަހަށް ފަހު ތިރިވެގެންދިޔައެވެ. ސެޕްޓެންބަރު ފެށުމާއެކު ނަންބަރު 100 އިން ދަށަށް ދިޔައެވެ. އަދި އޮކްޓޫބަރުގެ މިހިސާބަށް އާދެވުނުއިރުވެސް އެ ނަންބަރު މަތިވެގެން ނުދެއެވެ.

މި ބަދަލު އައީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް އާންމުން ދިން ސަމާލު ކަމުގެ ސަބަބުންނެވެ. ނަމަވެސް އަދިވެސް ކޮވިޑްގެ ބަލިމަޑުކަން މުޅިން ފިލާ ދިޔައީއެއް ނޫނެވެ. ނަންބަރު ދަށަށް ދިޔަނަމަވެސް އަދިވެސް މާލެ ސިޓީއަކީ ކޮވިޑްގެ ޓްރާސްމިޝަން އޮތް ރަށެކެވެ. ބަލި ޖެހުމާއި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއެކު ބައެއް މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ފަރުވާ ކުޑަކޮށްލެވެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ކުޑަވެއްޖެ ކަމަށް ގިނަ ބަޔަކަށް ހީވަން ފަށައިފި އެވެ. ވިސްނާލުމެއް ނެތި އާންމު ދިރިއުޅުމަށް ބަދަލުވާން ފަށައިފި އެވެ. މަސް ދަތުރު ދިއުމާއި ޕާޓީތަކެވެ. ބިދޭސީ މަސައްކަތްތެރިން ޕާކްތަކާއި އެ ނޫންވެސް މައިދާންތަކަށް ޖަމާވުން ގިނަވެއެވެ. މަގުމަތީގައި އުޅޭ މީހުންގެ އަދަދު އިތުރުވެއެވެ،

ނަމަވެސް އަދި މިތިބީ ނުރައްކަލެއްގެ ތެރޭގަ އެވެ. ސިއްހީ އޮފިޝަލުން ގެންދަވަނީ އެ ވާހަކަތައް ވިދާޅުވަމުންނެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި މާލެއިން އަދިވެސް ކޮވިޑްގެ ނުރައްކާ ނެތިގެން ނުދެއެވެ. މާލެ އަދިވެސް އޮތީ ކޮވިޑްގެ ނުރައްކާ ބޮޑުވެދާނެ ފަދަ ހާލަތެއްގައެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ބާރަށް ހިފަހައްޓަން ޖެހެއެވެ. ސަމާލުކަން އެންމެ ތަންކޮޅެއްވެސް ކުޑަކޮށްގެން ނުވާނެއެވެ.

"ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު މަދުވަމުން ދިއުމަކީ ރަނގަޅު ކަމެއް، އަޅުގަނޑުމެން އުފާވެސް ކުރާ ކަމެއް. ނަަމަވެސް މި ގޮތަށް މަދުވި ނަަމަވެސް އަދިވެސް ބަލި ފެތުރެމުން އެބަ ދޭ ކޮންމެވެސް ވަރަކަށް،" ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނަޒްލާ ވިދާޅުވިއެވެ.

ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު މަދުވަމުން ދިއުމަކީ ރަނގަޅު ކަމެއް، އަޅުގަނޑުމެން އުފާވެސް ކުރާ ކަމެއް. ނަަމަވެސް މި ގޮތަށް މަދުވި ނަަމަވެސް އަދިވެސް ބަލި ފެތުރެމުން އެބަ ދޭ ކޮންމެވެސް ވަރަކަށް
ޑރ. ފާތިމަތު ނަޒްލާ ރަފީގް | އެޗްއީއޯސީގެ ތަރުޖަމާން

ސަމާލުކަން ދޭންވީ ކަންކަން

  • ފަސް މީހުންނަށްވުރެ ގިނައިން އެކީގައި ބޭރުގައި ނޫޅުން
  • ކޮންޓެކްޓް ސްޕޯޓްސް ކުރިއަށް ނުގެންދިއުން
  • ކަސްރަތު ކުރާއިރު ގައިދުރުކަން ނުބޭއްވުން
  • ޕާޓީތައް ނުބޭއްވުން
  • މަސް ދަތުރުތައް ނުދިއުން
  • ބޭރަށް ނިކުންނައިރު މާސްކު އެޅުން
  • ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނިކުމެ ނޫޅުން
  • ރޭގަނޑު ދިހައެއްގެ ފަހުން ފަތިހު ފަހަކަށް ބޭރުގައި ނޫޅުން

އެތައް ބައެއްގެ ބުރަ މަސައްކަތުން އަދި ރައްޔިތުންގެ އެތަށް ގުރުބާނީއެއްގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު މި ވަނީ އާ ވެފަ އެވެ. އެޗްޕީއޭގެ އުސޫލުތަކަށް އެންމެން ތަބާވާންވީ ވަގުތަކީ މިއީ އެވެ. އެހެން ނޫންނަމަ އަލުން އޮގަސްޓްގެ ނުރައްކަލުގެ ހާލަތަށް ދާން ޖެހިދާނެ އެވެ. އެތައް ބަޔަކަށް ބަލި ޖެހި، ދަތި އުނދަގޫ ދުވަސްތަކާއި އަލުން ބައްދަލު ކުރަން ޖެހިދާނެ އެވެ. ވެކްސިނެއް ލިބި ދާއިމީ ހާލަތަށް ދާން އަދިވެސް މަސް ތަކެއް ހޭދަވާނެ އެވެ.