ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގްރީން ޒޯނަށް ވަނުމަށް އަދި ހިތްވަރުލާންޖެހޭ

ކޮވިޑްގެ ބަލި މަޑުކަމުގައި ދިވެހިން ހަތް މަހެެއްހާ ދުވަސް ހޭދަ ކޮށްފި އެވެ. ތަފާތު ތަޖުރިބާތައްވެސް ކޮށްފި އެވެ. ކޮވިޑްގެ ނުރައްކާތެރި އެތައް ހާލަތެއް ވެސް ފެނިއްޖެ އެވެ. ބައްޔަށް ޕޮޒިޓިވްވެ އާއިލާއާ ލޯބިވާ އެތަށް ބަޔަކާ ދުރުގައި ހިތްދަތި، އުނދަގޫ އެތަށް ދުވަސްތަކެއް ހޭދަކޮށްފި އެވެ. މި ބަލީގައި 34 މީހަކު ރާއްޖެއިން މަރުވެ ދިއުމަކީ ކުރަން ޖެހުނު އެންމެ ބޮޑު ހިތާމަ އެވެ.

އަދި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުން ވެސް އިންތިހާއަށް ބޮޑެވެ. އެތަށް ބައެއްގެ ވަޒީފާ ގެއްލުނެވެ. ކިތަންމެ މުވައްޒިފެއްގެ މުސާރަ ކުޑަވިއެވެ. ގިނަ ވިޔަފާރިތަކެއް ހުއްޓުނެވެ. ބައެއް ވިޔަފާރިތައް މުޅިންހެން ބަނގުރޫޓްވެ އަލުން ކޮޅަށް ނުތެދުވޭ ވަރުވެފައި ވެއެވެ. ގެއިން ބޭރަށް ނުނުކުމެވި ތިބޭތާ ހަތް މަސް ވީއެވެ. ސުކޫލްތައް ބަންދު ކުރާން ޖެހި ދަރިވަރުން ވަނީ ތައުލީމުން މަހުރޫމްވެފަ އެވެ. އިތުރު ކިތަންމެ ކަމެކެވެ.

ކޮވިޑް ބަލީގައި އޯގަސްޓް މަހަކީ އެންމެ ނުރައްކާ ބޮޑު މަހެވެ. އެ މަހު އެކަނި ވެސް 3،900 ވުރެ ގިނަ މީހުން ބަލިވި އެވެ. ބާރަ މީހަކު މަރުވި އެވެ. އެކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ހަރުކަށި އެތައް ފިޔަވަޅެއް އަޅަން މަޖުބޫރުވި އެވެ. ބަލި ކޮންޓްރޯލް ކުރަން މާސްކު އެޅުން މަޖުބޫރި ކުރިއެވެ. އަދި ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން މަނާކުރި އެވެ. ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގަން ފެށިއެވެ. މީހުން އެއްވުން މަނާކޮށް މާލެއިން ރަށްރަށައް ދެވޭނެ ހާލަތްތަކެއް ކަނޑައަޅާ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން މަޖުބޫރެވެ. ހުރިހާ ފިޔަވަޅެއްގެ ބޭނުމަކީވެސް ބަލި ފެތުރުން މަދު ކުރުމެވެ.

ސެޕްޓެންބަރު މަސް ފެށުމާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ވަނީ ފަށާފަ އެވެ. ޕޮޒިޓިވް އަދަދު މިހާރު ވަނީ 100 އިން ދަށުގައި ހިފަހައްޓާ ލެވިފައެވެ. އަދަދު ބައެއް ދުވަސް ދުވަހު ފަންސާހުން ތިރިވެ އެވެ. މިހާރު 27 ދުވަސް ފާއިތުވީ އެވެ. އެހެން ކަމުން ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ކުޑަވެއްޖެ ކަމަށް ގިނަ ބަޔަކަށް ހީވަން ފަށައިފި އެވެ. ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ބައެއް މީހުން ދޫކޮށްލަން ފަށައިފި އެވެ. ވިސްނާލުމެއް ނެތި އާންމު ދިރިއުޅުމަށް ބަދަލުވާން ފަށައިފި އެވެ.

ނަމަވެސް އަދި މިތިބީ އަދު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ. ސިއްހީ އޮފިޝަލުން ގެންދަވަނީ އެ ވާހަކަތައް ވިދާޅުވަމުންނެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހާއްސަކުރީ ވެސް އެ ކަންބޮޑުވުންތަކަށެވެ. އެއީ އޮތް ނުރައްކަލުގެ ބޮޑުކަމުންނެވެ. މަނާ ގަޑީގައި ވެހިކަލް ދުއްވުމާއި ކާފިއު ވަގުތު ބޭރުގައި އުޅޭ މީހުންގެ އަދަދު އިތުރުވެފައިވާތީ އެވެ. އަދި މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު އިތުރުވާތީ އެވެ.

މަނާ ވަގުތުތަކުގައި ޑެލިވަރީގެ ހިދުމަތް ދިނުމާއި ގިނަ ބަޔަކު ބައިވެރި ކޮށްގެން ސްވިމިން ކްލާސްތަކާއި ސެލްފް ޑިފެންސް ކްލާސްތައް ވެސް ހިންގައެވެ. އަދި ކަސްރަތަށް ނުކުންނަ ބައެއް މީހުން ކާފިއު ގަޑި ފެށޭއިރު ވެސް ތިބެނީ ބޭރުގަ އެވެ. ނުރައްކަލުގެ ރަނގަބީލުގެ އަޑު އެންމެ ބާރީ ހަފުތާ ބަންދުގައެވެ. މަސް ދަތުރު ދިއުމާއި ޕާޓީތަކެވެ. އަދި ބިދޭސީ މަސައްކަތްތެރިން ޕާކްތަކާއި އެ ނޫންވެސް މައިދާންތަކަށް ޖަމާވުން ވަނީ ގިނަވެފަ އެވެ. މީގެ އިތުުރުން މަގުމަތީގައި އުޅޭ މީހުންގެ އަދަދު ގިނަވެފައިވުމަކީ ވެސް ކަންބޮޑުވުމެވެ.

ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި މިދިއަ ހަފުތާ ބަންދުގައި ފެނުނީ ވަރަށް ކަންބޮޑުވާ މަންޒަރު ތަކެކެވެ. އަދި އެކަންކަމަކީ ނުރައްކާތެރި ހާލަތަކަށް އަލުން ހިނގައިދާނެ ފަދަ ކަންކަމެވެ. އަމަލުތައް އެގޮތަށް ހުންނަ ނަމަ ގްރީން ޒޯނަކަށް ނުދެވޭނެ އެވެ.

"މި ހަފުތާ ބަންދުގައި އަޅުގަނޑުމެންނަށް މި ފެނުނީ ވަރަށް ކަންބޮޑުވާ މަންޒަރެއް. އަޅުގަނޑުމެން އުންމީދު ކުރި ގޮތާއި މުޅިން ތަފާތުކޮށް ފެނިގެން މިދިޔައީ. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މި ގެންދަނީ ކޭސްތައް މަދުވި ނަމަވެސް އަދިވެސް ފިޔަވަޅުތަކުގައި ދެމި ތިބެން އެބަޖެހޭ. ނަމަވެސް މި ދެ ދުވަހު ފެނިގެން މި ދިޔައީ ދަތުރު ދިއުމާއި ޕާޓީ ބޭވުމާއި މަގުމައްޗަށް ވަރަށް ގިނަ އަދަދަކަށް މީހުން ނުކުތްތަން. މިއީ ގްރީން ޒޯނަށް ދިއުމަށް އެޅޭ ހުރަހަކަށް ވެގެންދާނެ... ދާން ނަގާ މުއްދަތު ގިނަވާނެ،" އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އެތައް ކަމެއް

އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ނުލަނބާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި މަނާ ގަޑިތަކުގައި ބޭރުގައި އުޅުން ވެސް އިތުރުވެފައިވާއިރު ޑެލިވަރީ ކުރުން މަނާ ވަގުތުތަކުގައި އެކަން ގަވާއިދާ ހިލާފަށް ކުރާ މީހުންގެ އަދަދު ވެސް އިތުރެވެ.

"މި ކަންކަމަކީ މަނާ ކަމެއްގެ އިތުރުން މިއީ މިހާރު ތިބި ހާލަތުން ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް އޮތް ހުރަހެއް،"

  • މާސްކު ނާޅާ ބޭރު އުޅުނު 3،677 މީހަކަށް ނަސޭހަތް، 1،798 މީހަކު ޖޫރިމަނާ
  • ކާފިއު ވަގުތު ބޭރު އުޅުގެން 4،633 މީހަކަށް ނަސޭހަތް، 2،195 މީހަކު ޖޫރިމަނާ
  • މަނާ ވަގުތު ވެހިކަލް ދުއްވުމުން 4،321 މީހަކަށް ނަސޭހަތް، 781 މީހަކު ޖޫރިމަނާ

ރަށްރަށުން އަންނަ މީހުން މާލެއަށް އެރުމަކީ މަނާ ކަމެއް ނޫނެވެ. ނަމަވެސް މާލެއަކީ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކަށް ވާތީ މާލޭ ސިޓީން ރަށްރަށަށް ދަތުރު ކުރެވޭނީ ހާއްސަ ހުއްދައަކާއެކު އެވެ. އަދި އެ ހުއްދަ ދޭ މީހުން ވެސް 14 ދުވަހު ކަރަންޓީންވާން ޖެހެއެވެ.

ފުލުހުން ބުނި ގޮތުގައި ފަހަކަށް އައިސް އެކި ބޭނުންތަކަށް މާލެ އަންނަ އެކި އުޅަނދުތަކުން އެނބުރި ރަށްރަށަށް ދާ މީހުންވެސް މާލެ ފައިބަ އެވެ. އަދި އެކި ތަންތަނާގައި އުޅުމަށްފަހު އެނބުރި ރަށްރަށަށް ދެ އެވެ. މިއީ އެހެން ރަށްތަކަށް ބަލި ފެތުރިދާނެ ވަރަށް ނުރައްކާތެރި ކަަމެކެވެ.

އެތައް ބައެއްގެ ބުރަ މަސައްކަތުން އަދި ރައްޔިތުންގެ އެތަށް ގުރުބާނީއެއްގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު ވަނީ އާ ވެފަ އެވެ. އެހެން ކަމުން އެޗްޕީއޭގެ އުސޫލުތަކަށް އެންމެން ތަބާވާންވީ ވަގުތަކީ މިއީ އެވެ. އެހެން ނޫންނަމަ އަލުން އޮގަސްޓްގެ ނުރައްކަލުގެ ހާލަތަށް ދާން ޖެހިދާނެ އެވެ. އެތައް ބަޔަކަށް ބަލި ޖެހި، ދަތި އުނދަގޫ ދުވަސްތަކާއި އަލުން ބައްދަލު ކުރަން ޖެހިދާނެ އެވެ.\