ކޮވިޑް-19 އިގެ ވަބާއާ ދުނިޔެ ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފުގައި ހިތްވަރާއެކު ހަނގުރާމަކުރަމުންދާ "ހީރޯ" އިންނަކީ ސިއްހީ ޚިދުމަތްތެރިންނެވެ. ނަމަވެސް ބައެއް މީހުންގެ ވިސްނުން ކޮށިކަމުން މިފަދަ ބޮޑު އިންސާނީ ޚިދުމަތެއް ކުރާ މީހުންގެ އަގު ވަޒަން ކުރުމަށް ވަނީ ނުކުޅެދިފަ އެވެ. އިންޑިޔާގެ ޗެންނައިގައި މިދިޔަ ހޯމަ ދުވަހު ހިނގާފައިވާ މި ހާދިސާއަކީ އެގައުމުގެ އާއްމުންގެ ތެރެއިން މަދު ބަޔެއްގެ ނަމަވެސް ވިސްނުމުގައި މައްސަލައެއް އުޅޭކަން ޔަގީންވާ ހާދިސާ އެކެވެ.
ޓެމިލް ނާޑޫގައި މަސައްކަތްކުރާ 55 އަހަރުގެ ނިއުރޯސާޖަން ޑރ. ސައިމަން ހާކިއުލިސް އަށް ކޮވިޑް-19 ޖެހި ޕްރައިވެޓް ހޮސްޕިޓަލެއްގައި މި ދުނިޔެ ދޫކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އިންޑިޔާގެ މެޑިކަލް އޮތޯރިޓީން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހި ބަލިވަންދެން ޑރ. ސައިމަން ވަނީ ކޮރޯނާވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. އޭނާ މި ދުނިޔެ ދޫކުރީ ހާލު ބޮޑުވެގެން ވެންޓިލޭޓަރާ ގުޅާފައިވަނިކޮށް ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ.
ޖަނާޒާ ބާއްވައި ޑޮކްޓަރަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އޭނާގެ ބައެއް އެކުވެރި ޑޮކްޓަރުންނާއި އާއިލާގެ މީހުން އެމްބިއުލެންސްގައި އޭނާގެ ހަށީގަނޑު ކިލްޕައުކް ސިމެޓްރީއަށް ގެންދިއުމަށް ދަތުރުފެށި އެވެ. ނަމަވެސް އެހިސާބުގަނޑުގެ މީހުންނަށް އެކަން އެނގުމާއެކު ހަށިގަނޑު ވަޅުލަން ގެނައުމާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ފެށި އެވެ.
އަދި ޑޮކްޓަރުގެ ގަބުރު ހިފައިގެން ދަތުރުކުރި އެމްބިއުލަންސަށް ހަމަލަދީ އެ ވެހިކަލަށް ބޮޑެތި ގެއްލުންތައް ދިނެވެ. އާއިލާގެ މީހުންނަށް ވެސް ޖެހުނީ ފުރާނަ ސަލާމަތް ކުރުމަށް އެތަނުން ދުވެ ފިލާށެވެ. ޑރ. ހާކިއުލިސްގެ ރައްޓެއްސަކު އޭނާގެ މަރުވެފައިވާ މަސްގަނޑު އެހެން ހިސާބަކަށް ގެންދިޔައީ ވަރަށް މަސައްކަތުންނެވެ.
އެންމެ ފަހުން އާއިލާގެ މީހަކަށް ވެސް ނާދެވި ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދިޔައީ ފުލުހުންގެ ސެކިއުރިޓީ އާއެކު ދެ ޖަމާއަތްތެރިއަކު ވެގެންނެވެ. ޖަނާޒާގައި ދެން ބައިވެރިވީ އެންމެ އެކުވެރިއެކެވެ.
ޑރ. ހާކިއުލިސްގެ އެކުވެރި ޑޮކްޓަރެއް ކަމަށްވާ ޑރ. ބާގްޔަރާޖް ސޯޝަލް މީޑިއާގައި ރިލީޒްކުރި ވީޑިއޯއެއްގައި މި ހާދިސާގެ ސަބަބުން ޑޮކްޓަރުގެ އާއިލާ އަށާއި އެކުވެރިންނަށް ކުރިމަތިވީ ހިތާމައާއި ހިތްދަތިކަން ބަޔާންކޮށްދީފައި ވެއެވެ.
"މިއީތަ ޑޮކްޓަރުންނާ ދޭތެރޭ ކަންތައް ކުރަން ޖެހޭނެ ގޮތަކީ. އެމީހުންގެ ޚިދުމަތުގެ އަގު އާއްމު ރައްޔިތުން އަދާކުރަނީ މިގޮތަށްތަ؟ މި ވީޑިއޯ ރިލީޒްކުރަން ވެސް އަހަރެން ލަދުގަނޭ. އަހަރެމެންނަށް އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު. އަދި އޭނާގެ ޖަނާޒާވެސް ބާއްވާ ނުދެވުނު. އޭނާގެ ފުރާނައަށް ހަމަޖެހުން ލިބޭނެބާ؟" ރޮވިފައި އިނދެ ޑރ. ބާގްޔަރާޖް ސުވާލު ކޮށްފައި ވެއެވެ.
ޑރ. ބާގްޔަރާޖް ފާހަގަ ކުރި އަނެއް ކަމަކީ އެތަނަށް އެއްވެސް މީހުންތައް އަނިޔާވެރިކަމުން މަރުވެފައިވާ މަސްގަނޑު ބާއްވާފައި އެ ވަގުތު އެ މަސްގަނޑާއެކު ދަތުރުކުރި އެންމެންނަށްވެސް ފުރާނަ ސަލާމަތްކުރަން ދުވެ ފިލަން ޖެހުނު ކަމެވެ.
ސްޓޭޓް ހެލްތު ސެކްރެޓަރީ ޑރ. ބީލާ ރާޖޭޝް ވަނީ ޑޮކްޓަރަށް ސެލިއުޓްކޮށް ޓުވީޓެއް ކޮށްފަ އެވެ. އޭނާގެ ޓުވީޓްގައި ކޮވިޑް-19 ޖެހޭ މީހުންނަށް ޚިދުމަތްކުރުމުގައި ދެމި ހުންނެވި ޑޮކްޓަރަށް ސެލިއުޓްކުރާ ކަމަށް ބުނެފައި ވެއެވެ.
"ސިއްހީ ޚިދުމަތްދޭ މީހުންގެ ހިމާޔަތުގައި އަހަރެމެން އެންމެން ތެދުވަމާ. އެއީ ހަގީގީ ހީރޯ އިންނަކީ،" ޑރ. ބީލާ ވިދާޅުވެފައި ވެއެވެ.
ފަހުން ޗެންނައި ފުލުހުން ވަނީ ހަމަނުޖެހުން ހިންގައި އެމްބިއުލެންސް އަށް ގެއްލުން ދިން މީހުންގެ ތެރެއިން 20 މީހަކު ހައްޔަރުކޮށްފަ އެވެ.
އިންޑިޔާގެ ޑޮކްޓަރުންގެ އެސޯސިއޭޝަންތަކުން ވަނީ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމަށްފަހު އެމީހުންގެ ހަށިގަނޑުން ވައިރަސް ނުފެތުރޭނެ ކަމަށާއި އެކަމުގެ މައުލޫމާތުދީ އާއްމުން ހޭލުންތެރިކުރުވުމަށް ޑޮކްޓަރުންގެ އެސޯސިއޭޝަންތަކުން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
މިއީ އިންޑިޔާގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. ނެއްލޯރު ކިޔާ ރަށެއްގައި ވެސް ދާދިފަހުން މަރުވި ޑޮކްޓަރެއްގެ ޖަނާޒާއަށް އާއްމުން ނުކުމެ ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައި ވެއެވެ.