ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބިދޭސީން އުޅޭ ތަންތަން މޮނިޓަރު ކުރަން ފަށައިފި

ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތޮއްޖެހިފައިވާ ތަންތަނަށް ވަދެ ނިކުމެ އުޅުން ކޮންޓްރޯލްކޮށް މޮނިޓަރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅި އަދި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުން މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެން ކަމުން ބަލި ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށްޓަކައި އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތޮއްޖެހިފައިވާ ތަންތަނަށް ވަދެ ނިކުމެ އުޅުން ކޮންޓްރޯލްކޮށް މޮނިޓަރު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

މިހާތަނަށް ހަ ތަނެއް ފުލުހުން މޮނިޓަރު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އަދި އެ ތަންތަން ފުލުހުން މޮނިޓަރު ކުރަމުންދާއިރު ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެފަދަ ތަންތަނަށް ވަނުމާއި ނިކުމެ ނޫޅެވޭ ގޮތަށްވެސް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެއިން މިހާތަނަށް 66 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެއެވެ. އަދި ބިދޭސީންގެ ތެރޭގައި މި ބަލި ފެތުރިދާނެ ކަމަށްޓަކައި އެކަށީގެންނުވާ ތަންތަނުގައި އުޅޭ ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.