އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދުގެ އަނބިކަނބަލުން ސަވީތާ ކޯވިންޑް ވެސް މިހާރު ވަރަށް ބުރަކޮށް އުޅުއްވަނީ މާސްކް ފެހުމުގަ އެވެ. އެ ކަމަނާ މާސްކް ފަހަނީ ދިއްލީގެ ހުންނަ ޝެލްޓާ ހޯމް ތަކެއްގައި ތިބި މީހުންނަށް ހަދިޔާ ކުރުމަށެވެ. މި މާސްކްތައް ބަހާނީ ދިއްލީގެ އާބަން ޝެލްޓާ އިމްޕްރޫވްމަންޓް ބޯޑުންނެވެ.
ފަސްޓް ލޭޑީ މާސްކް ފަހަން އިންނަވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންޓަނެޓުގައި މިހާރު ވަނީ ދައުރުވެފަ އެވެ. މޫނުގައި މާސްކް އަޅުއްވައިގެން އާދައިގެ ފަހާފޮއްޓެއް ކައިރީ އިންނަވައި ވަރަށް ފަރުވާތެރިކަމާއެކު މާސްކް ފެހުމުގެ މަސައްކަތް ސަވީތާ ކުރައްވާތަން މި ފޮޓޯތަކުން ފެނެ އެވެ.
މި ފޮޓޯތަކަކީ ބީޖޭޕީ ކަރްނާޓަކާ އޮފިޝަލުން އެކައުންޓުން ޝެއާ ކޮށްފައިވާ ފޮޓޯ ތަކެކެވެ.
"މީނދީ އަހަރެމެންގެ ފަސްޓް ލޭޑީ ސަވީތާ ކޯވިންދް. ދިއްލީގެ އެކި ޝެލްޓާ ހޯމްތަކަށް ބަން މާސްކް ފެއްސެވުމުގެ މަސައްކަތުގައި. ތިޔަ ދައްކަވާ ނަމޫނާއަށް ޝުކުރިއްޔާ އައްމާ (ފަސްޓް ލޭޑީ)،" މި ޓުވީޓްގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.
ފަސްޓް ލޭޑީގެ މި މަސައްކަތްޕުޅަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. އެއްބަޔަކު ބުނީ ފަސްޓް ލޭޑީގެ މަސައްކަތްޕުޅާ މެދު ފަޚުރުވެރިވާ ކަމަށެވެ. އެކަމަނާއަކީ އެހެން މީހުންނަށް ލިބޭ ހިތްވަރެއްގެ ގޮތުގައި އަނެއް ބަޔަކު ފާހަގަ ކުރެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ގެއިން ބޭރަށް ނުކުންނަނަމަ ފޭސް މާސްކް ބޭނުން ކުރަން އިންޑިޔާގެ ގިނަ ސްޓޭޓްތަކަކުން އެ ސްޓޭޓްތަކުގެ ރައްޔިތުންނަށް ވަނީ މަޖްބޫރު ކޮށްފަ އެވެ. ނަމަވެސް މި ވަގުތު މާސްކް މަދުވެ ގިނަ ބަޔަކު އެ ލިބުން ވަނީ ދަތި ކަމަކަށް ވެފަ އެވެ.
ޑަބްލިޔުއެޗްއޯ އާއި ދުނިޔޭގެ ބޮޑެތި ސައިންސްވެރިން މިހާރު ބުނަނީ ވައިގެ ތެރޭގައި ވެސް ކޮރޯނާވައިރަސް އެތައް އިރަކު މަރުނުވެ ހުންނަ ކަމަށެވެ. އެހެންވެ ފޭސް މާސްކް އަޅައިގެން ނޫނީ އެއްގޮތަކަށް ވެސް ބޭރަށް ނުކުތުން ރައްކާތެރި ނޫން ކަމަށެވެ.