ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވި މީހެއްގެ ޖަނާޒާގެ ކަންތައްތައް އޭނާގެ އާއިލާއިން ނިންމިތާ ދެ އަހަރު ފަހުން އޭނާ އެނބުރި ގެއަށް އަތުވެއްޖެ އެވެ. އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ދާރް ޑިސްޓްރިކްޓްގައި ދިރިއުޅޭ ކަމްލޭޝް ޕަޓިދާރް ނަމަކަށް ކިޔާ 35 އަހަރުގެ މި މީހާ މިދިޔަ ހޮނިހިރު ދުވަހު ކަރޯދްކަލާ އަވަށުގައި ހުންނަ އޭނާގެ ބޮޑުދައިތައެއްގެ ގޭގެ ދޮރުގައި ޓަކި ޖެހި އެވެ. އަދި އެ ގޭ ތެރެއިން ދޮރު ހުޅުވި މީހުންނަށް އޭނާ ފެނިފައި ލިބުނީ ބޮޑު ޝޮކެކެވެ. ސަބަބަކީ އެއީ މީގެ ދެ އަހަރު ކުރިން މަރުވުމުން ޖަނާޒާ ބާއްވާފައިވާ މީހަކަށް ވާތީ އެވެ.
ކަމްލޭޝް އަށް ކޮވިޑް-19 ޖެހުނީ އިންޑިޔާއަށް އެރި މި ބަލީގެ ދެ ވަނަ ރާޅުގަ އެވެ. އޭނާ އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނީ ގުޖްރާތުގެ ހޮސްޕިޓަލެއްގަ އެވެ. އަދި އޭނާ ހާލުބޮޑުވެ މަރުވީ ކަމަށް ޑޮކްޓަރުން ނިންމައި އާއިލާއަށް އެކަން އެންގި އެވެ. އަދި އާއިލާގެ މީހުންނާ ކަމްލޭޝްގެ މަރުވެފައިވާ މަސްގަނޑު ހޮސްޕިޓަލުން ހަވާލު ކުރި އެވެ.
ކަމްލޭޝްގެ ދެބެންގެ ދެދަރި މުކޭޝް ޕަޓިދާރް އިންޑީޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ ކަމްލޭޝްގެ ހަށިގަނޑު ހަވާލުކުރުމުން އާއިލާއިން އޭނާގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރީ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުއްލިއަކަށް ކަމްލޭޝް ވަނީ އެނބުރި އޭނާގެ ގެއަށް ދިއުމަށްފަހު ވެސް އޭނާ މި ފާއިތުވީ ދެ އަހަރު ދުވަހު އުޅުނު ތަނަކާއި ހޮސްޕިޓަލުގައި އޮއްވާ އޭނާއާ މެދު ދެން ކަންތައް ވީ ގޮތެއް ކިޔައެއް ނުދެ އެވެ.
ކަމްލޭޝް ފުލުހަށް ހާޒިރުކޮށް އޭނާގެ ބަޔާން ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ކަމްލޭޝްގެ ދެބެންގެ ދެދަރި މުކޭޝް ބުނި ގޮތުގައި ކަމްލޭޝް އާ މެދު ކަންތައް ވީ ގޮތެއް އަދި މި ފާއިތުވީ ދުވަސްތަކުގައި އޭނާ އުޅުނީ ކޮން ތަނެއްގައިކަން އެނގޭނީ ފުލުހުންނަށް ބަޔާން ދިނުމުންނެވެ. ސަބަބަކީ އާއިލާގެ އެއްވެސް މީހަކަށް އޭނާ އެ ވާޙަކަތައް ކިޔައިދޭން ބޭނުން ނުވާތީ އެވެ.