އިންޑިޔާގެ ބިހާރުގައި ވަރަށް މަޝްހޫރު ސިއްހީ އޮފިޝަލަކާ ދެކޮޅަށް ބިހާރުގެ ސަރުކާރުން ފިޔަވަޅު އަޅައިފި އެވެ. އެއީ މަރު ނުވާ މީހަކު މަރުވީ ކަމަށް ކަނޑައަޅައިގެންނެވެ.
މީހަކު މަރުވީ ކަމަށް ނިންމައި ހަށިގަނޑު އާއިލާއާ ހަވާލު ކުރިއިރު ހަގީގަތުގައި އެއީ އެހެން މީހެއްގެ މަރުވެފައިވާ މަސްގަނޑެވެ. ކޮވިޑް ޖެހިގެން މަރުވި މީހަކަށް ވާތީ އެމީހާގެ މޫނު ބެލުމުގެ ފުރުސަތު ވެސް އާއިލާއަކަށް ނުދެ އެވެ. އެހެންވެ އެމީހުންނަށް އެއީ އެމީހުންގެ އާއިލާގެ މީހާ ނޫންކަން ނޭނގުނީ އެވެ.
ޗުންނޫ ކުމާރު، 40، އަކީ ޕަޓްނާ ޑިސްޓްރިކްޓްގެ ބަރްހްގައި ދިރިއުޅޭ މީހެކެވެ. ޕަޓްނާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިގެންނެވެ.
ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ޓެސްޓްތައް ހެދިއިރު ކޮވިޑް-19 އަށް ޕޮޒިޓީވް ވުމުން އޭނާ ވަނީ ކޯވިޑަށް ފަރުވާ ދޭ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.
ބަލިމީހާގެ އާއިލާގެ މީހުން ބުނި ގޮތުގައި އާދީއްތަ ދުވަހު ވެސް ހޮސްޕިޓަލުގެ ޑޮކްޓަރުން އާއިލާ ކައިރީގައި ބުނީ ޗުންނޫގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް އެހެން ބުނިތާ މާ ގިނަ އިރެއް ނުވެ އޭނާ މަރުވެއްޖެ ކަމުގެ ޚަބަރު އާއިލާއަށް ދީ މަރުވެފައިވާ މަސްގަނޑާއި މަރުގެ ސެޓްފިކެޓް އެމީހުންނާ ހަވާލު ކުރި އެވެ. މަރުވެފައިވާ މީހާގެ މަސްގަނޑު ލޮލުކޮޅުން ބަލާލުމުގެ ފުރުސަތު ވެސް ހޮސްޕިޓަލުން އާއިލާއަށް ނުދީ އެމްބިއުލެންސްގައި އަންދާ ގެއަށް ފޮނުވާލީ އެވެ.
އެމީހާގެ ޖަނާޒާއަށް ދިޔަ މީހަކު ބުނި ގޮތުގައި އެމީހާ އަންދާލަން ކުޑަތަންވެފައި ވަނިކޮށް އެމީހާގެ އަންހެނުން އޭނާގެ މޫނު ދެކެން ބޭނުން ކަމަށް ބުނެ އެކަމަށް ޑިމާންޑް ކުރަން ފެށި އެވެ. ނަމަވެސް އެމީހާ އާދޭސް ކޮށްކޮށް ވެސް އެ ފުރުސަތެއް ނުދިނެވެ. އެންމެ ފަހުން އެ އަންދާ ގޭގައި މަސައްކަތްކުރާ މީހަކަށް އަންހެންމީހާ 500 ރުޕީސްގެ ރިޝްވަތު ދީގެން މަރުވެފައިވާ މީހާގެ މޫނު ބެލީ އެވެ. އެއީ އޭނާގެ ފިރިމީހާގެ މަސްގަނޑު ނޫންކަން އަންހެންމީހާއަށް އެނގުނީ އެ ހިސާބުންނެވެ.
ޗުންނުގެ އަންހެނުން ކަވީތާ ދޭވީ ބުނި ގޮތުގައި ފިރިމީހާ މަރުވެއްޖެ ކަމަށް ހޮސްޕިޓަލުން ގުޅާފައި ބުނުމުން އޭނާގެ ދުނިޔެ ފުނޑުފުނޑުވެގެން ދިޔަ ފަދަ އިހްސާސް ކުރެވުނެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ރަނގަޅޭ ކިޔާފައި ކުއްލިއަކަށް މަރުވެއްޖޭ ބުނީމަ އެ ވާހަކަ ގަބޫލުކުރަން ވެސް ދަތިވި އެވެ.
ފިރިމީހާގެ ހަށިގަނޑު ގެޔަށް ގެންދަން ހުއްދަ ނުދިން ކަމަށާއި އަވަސް އަވަހަށް އަންދާގެއަށް އެމްބިއުލެންސެއްގައި ހަށީގަނޑު ގެންދިޔަ ކަމަށް ވެސް ކަވީތާ ބުންޏެވެ.
"އަހަރެންގެ ހިތް އޭރުވެސް ބުނޭ އެއީ ފިރިމީހާއެއް ނޫނޭ. ފިރިމީހާ މަރެއް ނުވެޔޭ. ދުނިޔޭގައި އެބަހުއްޓޭ. އަދި އަހަރެމެންނާ ހަވާލުކުރި ގަބުރު އޮތީ ބޮޑީބޭގަށް ލާ ރަނގަޅަށް ބަންދު ކޮށްފައި ނަމަވެސް އެ ހަށިގަނޑު ބޭރުން ފެންނަން އޮތް ސައިޒުން ވެސް އަހަރެންނަށް އެއީ އަހަރެންގެ ފިރިމީހާގެ ހަށިގަނޑު ނޫންކަން ޔަގީންވި. ނަސީބަކުން އަހަރެންގެ ޝައްކުވީ ހަމަ ރަނގަޅު އެއްޗަކަށް،" ކަވީތާ ބުންޏެވެ.
އަންދާ ގޭގައި އޮތީ އާއިލާގެ މީހާ ނޫންކަން އެނގުމާއެކު އެ އާއިލާގެ އެންމެން ހޮސްޕިޓަލަށް ގޮސް މިކަމާ ގުޅޭ މައުލޫމާތު ހޯދަން މަސައްކަތް ފެށި އެވެ. އަދި ދޮގު މައުލޫމާތު ދީ އާއިލާގެ މީހާ މަރުވީ ކަމަށް ބުނި އޮފިޝަލާ ދެކޮޅަށް ފިޔަވަޅު އަޅަން އާއިލާއިން ޑީމާންޑް ކުރި އެވެ.
މި މައްސަލަ ތަހުގީގުކޮށް ބެލިއިރު މަރުވި ކަމަށް ބުނި މީހާ ހޮސްޕިޓަލުގައި އޮތެވެ. އޭނާގެ ހާލު ވެސް ރަނގަޅެވެ. އޭނާ މަރުވި ކަމަށް ބުނެ އާއިލާއާ ހަވާލު ކުރީ އެ ދުވަހު މަރުވި އެހެން މީހެއްގެ ހަށިގަނޑެވެ.
ފަރުވާ ކުޑަކަމުން ބަލަންވާ ވަރަށް ނުބަލާ ދިރިހުރި މީހަކު މަރުވެފައިވާ ކަމަށް ނިންމުމުން ދިމާވި ބޮޑު މައްސަލަގަނޑުގައި ޒިންމާވާ ޖެހޭ އެ ހޮސްޕިޓަލުގެ ހެލްތު މެނޭޖަރު އަންޖަލީ ކުމާރީ މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ނެރުނު ބަޔާނެއްއގައި ބުނެފައި ވެއެވެ.