ކޮވިޑް-19ގެ ބިރުވެރި ޕެންޑެމިކް ފެށުމާއެކު ގިނަ ބަޔެއްގެ ހިތުގައި އާދަޔާހިލާފު ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. އަމިއްލަ ފުރާނަ އާއި އާއިލާގެ ލޯބިވާ މީހުންގެ ފުރާނައާ މެދު ގިނަ ބަޔަކު ބިރު ހީވި އެވެ. އޭގެ ފަހުން ތިން އަހަރު ފާއިތުވީއިރު މީހުންނަށް ހަމަ ނޭވާލެވި ކޮވިޑުން އަރައިގަނެވިއްޖެކަމުގެ ޔަގީންކަން ވަނީ ލިބި އާއްމު ދިރިއުޅުމަކަށް ގިނަ ބަޔަކު ވަނީ އެނބުރިފަ އެވެ. ނަމަވެސް ގުރުގުރަމްގެ މަރޫޓީ ކުންޖްގައި ދިރިއުޅޭ މުމްމުން މާޖީ ނަމަކަށް ކިޔާ އަންހެންމީހާ އަދިވެސް ކޮވިޑް ޖެހިދާނެތީ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.
ކޮވިޑް ފެށުނުތަނާހެން އޭނާ، އޭނާގެ 10 އަހަރުގެ ދަރިފުޅު ގޮވައިގެން ގޭގައި އަމިއްލައަށް ބަންދުވި އެވެ. އޭގެ ފަހުން ފާއިތުވީ ތިން އަހަރު ވެސް މި ދެމައިން ތިބީ ގޭގައި ބަންދުވެގެންނެވެ.
މިދިޔަ އަންގާރަ ދުވަހު އަންހެންމީހާގެ ގެއަށް ފުލުހުންގެ އިތުރުން ހެލްތު އެންޑް ޗައިލްޑް ވެލްފެއާ އޮފިޝަލުން ގޮސް ގޭގެ ދޮރުތައް ހަލާކުކޮށްލައިގެން ވަދެ ދެ މައިން ވަނީ ސަލާމަތް ކޮށްފަ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައިވާ ގޮތުން ކޮވިޑް-19 ދެކެ އަންހެންމީހާ މުންމުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެހެންވެ ދަރިފުޅާއި އޭނާ ގޭގައި ބަންދުވެގެން އުޅޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާގެ ފިރިމީހާ ވެސް ގެއަށް ވަނުމުގެ ހުއްދަ މުންމުން ނުދެ އެވެ.
މުންމުންގެ ފިރިމީހާ ސޫޖަން މާޖީ އަކީ އިންޖިނޭރެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. ކޮވިޑްގެ ލޮކްޑައުންގައި އޭނާ ވެސް ހުރީ ގޭގަ އެވެ. ލޮކްޑައުން ނިމުމަކަށް އައިސް އޮފީސް ތަކަށް މީހުން މަސައްކަތަށް އަނބުރާ ނުކުންނަން ފެށުމުން އޭނާއަށް ވެސް އޮފީހަށް ނުކުންނަން ޖެހުނީ އެވެ. ފުރަތަމަ ދުވަހު އޮފީހަށް ގޮސްފައި އެނބުރި އައުމުން އަންހެނުން އޭނާ ގެއަށް ވަނަކަ ނުދިނުމެވެ. އެހެންވެ ގެ އާއި ކައިރިން ތަނެއް ކުއްޔަށް ހިފައިގެން ފިރިހެންމީހާ ފާއިތުވީ ދެ އަހަރު ދުވަހު އުޅެމުން ދިޔައީ އެ ގޭގަ އެވެ.
އަންހެނުންނާއި ދަރިފުޅާ އޭނާ ވާހަކަ ދައްކަނީ ވީޑީއޯ ކޯލް މެދުވެރިކޮށެވެ. އަދި އަންހެނުން ބުނި އެއްޗެއް ވިއްޔާ ހޯދައިގެން އެ ގެޔަށް ގެންގޮސްދެ އެވެ. އެ އެއްޗެތި އޭނާއަށް ބަހައްޓަން ޖެހެނީ ގޭގެ ބޭރު ދޮރުމަތީގަ އެވެ.
ސޫޖަން އޭނާގެ އަންހެނުންނަށް ވިސްނައިދެވޭތޯ ވަރަށް ގިނަ ފަހަރަށް މަސައްކަތް ކޮށް ނާކާމިޔާބުވުމުން މައިދައިތަ އާއި ބަފައިކަލޭގެ ގެނެސްގެން ވެސް ވިސްނައިދެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މުންމުން އެއް އެކަކު ދައްކާ ވާހަކައެއްވެސް އަޑެއް ނޭހި އެވެ.
ފުލުހުންގެ ސަބް-އިނިސްޕެކްޓާ ޕްރަވީން ކުމާރު ވިދާޅުވީ ސޫޖަން ފުރަތަމަ ޝަކުވާ ހުށަހަޅަން ޕޮލިސް ސްޓޭޝަނަކަށް އައުމުން އެއީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން ނުނަގަ އެވެ. ނަމަވެސް ވީޑީއޯ ކޯލް މެދުވެރިކޮށް މުންމުން އާ ވާހަކަ ދައްކައިގެން އޭނާގެ ނިންމުން ބަދަލު ކުރެވޭތޯ މަސައްކަތް ކުރި އެވެ.
ޗައިލްޑް އެންޑް ހެލްތު ކެއާ އޮފިޝަލުންނާއެކު ގޮސް އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ގަދަކަމުން އެ ގެޔަށް ވަންނަން ނިންމީ ކުޑަ ފިރިހެންކުއްޖާގެ ހާލަތު އެހާ ރަނގަޅު ނޫންކަން އެނގުމުންނެވެ.
"އަހަރެމެން ކުޑަ ކުއްޖާ އާ ވާހަކަ ދެއްކިން. އޭނާ ހުރީ ވަރަށް ދެރަވެ މާޔޫސްވެފަ. އިރުގެ އަލިކަން ނުދެކޭތާ ތިން އަހަރު ވެއްޖޭ ކުޑަ ކުއްޖާ ބުނި. ކުއްޖާގެ ހާލު ފެނިފައި އަހަރެމެން މިކަމުގެ ތެރެއަށް ނުވަދެ ނުވާނެކަން އެނގިގެން އެ ގެއަށް ގަދަކަމުން ވަންނަން ޖެހުނީ،" ފުލުސް އޮފިޝަލް ބުންޏެވެ.
މުންމުން އާއި އޭނާގެ ދަރިފުޅު ގެއިން ނެރިގެން ފުރަތަމަ ގެންގޮސްފައިވަނީ ހޮސްޕިޓަލް އަށެވެ. އެ ތަނުގައި ދެ މައިންގެ ޗެކްއަޕް ހަދާފައި ވެއެވެ. މުންމުން ބެލި ޑޮކްޓަރު ވިދާޅުވެފައިވަނީ އޭނާއަށް ދިމާވެފައިވަނީ އެންޒައިޓީގެ މައްސަލަތަކެކެވެ. އެހެންވެ ގެއިން ބޭރަށް ނުކުންނަން އޭނާ ބިރުގަންނަނީ އެވެ.