ކޮރޯނާވައިރަސްގެ ވަބާގެ ސަބަބުން އިންޑިއާ ލޮކްޑައުން އަށް ދިޔައިރު އާލިއާ ބަޓް ކުޅެމުންދިޔަ "ގަންގޫބާއީ ކަތިއާވަޅީ" ޝޫޓް ކުރުމަށް ފިލްމު ސިޓީގައި ތައްޔާރު ކޮށްފައިވާ ވަރަށް އަގު ބޮޑު އެހާމެ ރީތި ސެޓެއް ހަލަކުކޮށްލަން ނިންމައިފި އެވެ. ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ މި ފިލްމުގެ ސެޓު ހަލާކު ކޮށްލަނީ ލޮކްޑައުން ދެމިގެން ދާނެ ދުވަހެއް ނޭނގޭތީ އެވެ.
ހުރިހާ ޝޫޓިންގްތަކެއް ހުއްޓީފައިވާތީ މުމްބައިގެ ފިލްމު ސިޓީގައި ތައްޔާރު ކޮށްފައިވާ މި ސެޓުގެ ބޭނުން ވެސް ނުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި އަލުން މި ސެޓުގެ ބޭނުން ކުރަން ފެށޭނެ ދުވަހެއް ވެސް އެއްވެސް މީހަކަށް އަންދާޒާ ކޮށްލަން ވެސް ނޭނގެ އެވެ.
އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސެޓު ތައްޔާރު ކޮށްފައި ވަނީ ބާންސާލީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިންނެވެ. އަދި ވަރަށް އަވަހަށް ސެޓު ހަލާކުކޮށް ބިމާ ހަމަކޮށްލަން ތައްޔާރުވަމުން ދާކަމަށް މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.
އޭނާ ބުނި ގޮތުގައި ފިލްމު ސިޓީން އެކި ފިލްމުތަކުގެ ޝޫޓިންގް އަށް ތަންތަން ދޫކުރަނީ ދުވާލަކަށް ވަރަށް ބޮޑު އަގެއް ނަގާފަ އެވެ. އެހެންވެ މަހެއްގެ މައްޗަށް ގިނަ އަދަދެއްގެ ފައިސާ މި ސެޓު ހުރި ތަނަށް ވެސް ދައްކަން ޖެހެ އެވެ.
މާޗްމަހުގެ ކުލި ބާންސާލީ ދައްކާފައިވާ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް ސެޓު ބަހައްޓައިގެން ކުލި ދައްކަ ދައްކާ ތިބުމަށް ވުރެ ސެޓު ހަލާކުކޮށްލާފައި ތަން ހަވާލު ކުރުމަށް ފަހު ޝޫޓިން ފެށޭ ގޮތް ވުމުން އަލުން އެހެން ސެޓެއް ތައްޔާރު ކުރުން ޚަރަދުގެ ގޮތުން ބަލާއިރު މާ ފައިދާހުރި ކަމަށް ބެލެވޭތީ ސެޓު ހަލާކު ކޮށްލަން ނިންމީ ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.
"ގަންގޫބާއީ ކަތިއާވަޅީ" އަކީ އިންޑިޔާގެ ލިޔުންތެރިޔެއް ކަމަށްވާ ހުސެއިން ޒައިދީގެ "މާފިއާ ކުއީންސް އޮފް މުމްބައި"ގެ މައްޗަށް ކުލޭ ފިލްމެކެވެ. ފިލްމު ރިލީޒް ކުރާނެ ކަމަށް އިއުލާން ކޮށްފައި އޮތީ އަންނަ ސެޕްޓެމްބަރު މަހު ނަމަވެސް މިހާރު ކަންތައް ހުރި ގޮތުން މިއަހަރު ތެރޭ ވެސް ފިލްމު ރިލީޒް ކުރެވިދާނެކަމުގެ އުންމީދެއް ނެތެވެ.