ކުރެއްދޫގައި ތިބި ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ނިމިފައިވާ ކަމަށާ އޭގެ ތެރެއިން ނަތީޖާ ލިބުނު ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒިފުން އެ ރިސޯޓުން ނުފޭތި ތިބޭތާ 50 ދުވަސްވަނީ ވެފައެވެ. އެޗްޕީއޭއިން ބުނީ ކުރެއްދޫ ކޭސްއަކީ ތަފާތު ކޭސްއެއް ކަމަށާ އެ ރިސޯޓުން މީހުންނަށް ފޭބޭނީ ހުރިހާ މުވައްޒިފުން ޓެސްޓް ކުރުމަށް ފަހު ކަަމަށެވެ.
އެހެން ކަމުން އެރަށުގައި ތިބި ހުރިހާ މުވައްޒިފުން ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫގައި ތިބި ހުރިހާ އެންމެންގެ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށެވެ. އަދި މިހާތަނަށް 173 މީހެއްގެ ނަތީޖާ ލިބިފައިވާ ކަމަށާ އެ ހުރިހާ ނަތީޖާތަކެއް ނެގެޓިވް ކަމަށެވެ. އަދި ބާކީ ހުރި ސާމްޕަލްތަކުގެ ނަތީޖާތައް މިހާރު ޕްރޮސެސް ކުރަމުންދާ ކަމަށެވެ.
މިއަދު މެންދުރު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ކުރެއްދޫއިން ނެގި ސާމްޕަލްތައް ޓެސްޓް ކުރަނީ ފޮރިންސިކް ލެބޯޓަރީގައި ކަމަށެވެ. އަދި މިރޭގެ ނިޔަލަށް ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ އެޗްޕީއޭ ހަވާލު ކުރެވޭނެ ކަމަށެވެ.