ކޮވިޑް-19 އާ ގުޅިގެން ޕޮޒިޓިވްވި ކޭސްތަކާ ގުޅުންހުރި މީހުން ހޯދުމަށް ކުރާ މަސައްކަތުގައި، ހާއްސަކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން މައުލޫމާތު ހޯދަން ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ބަލި ފެތުރޭ އެންމެ ރިސްކު ބޮޑު ބައެއްގެ ގޮތުގައި ބިދޭސީން ފާހަގަވެފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން އެމީހުންގެ ފަރާތުން މައުލޫމާތު ހޯދަން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ހާއްސަކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މައުލޫމާތު ދޭން ޖެހިލުންވާކަން ފާހަގަ ކުރެވިފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"ހަމަ އަހާލާއިރަށް ބުނާނެ މިވެނި މީހަކާ ދިމަލެއް ނުވެއޭ، އެ ހިސާބަށް ނުވެސް ދަމޭ. އަޅުގަނޑުމެނަށް އެނގިގެން އެހީމަވެސް މައުލޫމާތު ދޭން ޖެހިލުންވޭ ހާއްސަކޮށް އޭގެ ތެރެއިން ބައެއް މީހުން ތިބި ސްޓޭޓަސްގެ ގޮތުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެގޮތުން، ތެދު މައުލޫމާތު ދިނުމާއި، ބަލީގެ އަލާމާތެއް ހުރި ނަމަ އެކަން ކަމާބެހޭ އިދާރާއަށް އެންގުމުގެ މުހިއްމުކަން އެ މީހުނަށް ވިސްނައިދިނުމުގެ ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އިގެ އެންމެ ފުރަތަމަ ކޭސް ފެނުނު ފަހުން، މިއަދަކީ އެ ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު އެ ބައްޔަށް 73 މީހުން ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 214 އަށް އަރައިފަ އެވެ.
މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާ މިންވަރު ކުޑަކުރުމަށްޓަކައި، އެޗްޕީއޭ އިން މިހާރު ދަނީ ގިނަ އަދަދަކަށް ބިދޭސީން ބައިތިއްބާ ތަންތަން ފުލުހުންގެ އެހީތެރިކަމާއެކު ބަލަހައްޓަމުންނެވެ. އެގޮތުން، މިހާތަނަށް އެފަދަ 18 ތަނެއްގައި ދިރިއުޅޭ 800 އަށް ވުރެ ގިނަ މީހުން މޮނީޓަރިންގައި ތިބިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެތަންތަނުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.