ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުވާފައިވާ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވާފައިވާ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން މިނިސްޓަރު އަމީނަށް ސުވާލު ކުރެއްވުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ފޮނުއްވި ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރަށް ފޮނުވި 14 ދުވަހުގެ ނޯޓިސް ވަނީ އިއްޔެއަށް ހަމަވެފަ އެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިނިސްޓަރު އަމީނަށް ފޮނުވި ނޯޓިސް ހަމަވެގެން މިއަދުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ޖަވާބު ދެއްވަން ދެންނެވުމުން ވެސް މިހާތަނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ބަޔާނުގައިވެ އެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު އެ ނޫސް ބަޔާނަށް އިޝާރާތް ކުރައްވައި ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓަރު އަމީން މިއަދު ޖަވާބު ދެއްވާފައިވާ ކަމަށެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތަށް މިނިސްޓަރު އަމީން މަގާމުން ވަކި ކުރަން ޖެހޭ ކަމަކަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޝަރީފު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މިނިސްޓަރު ގާނޫނު އަސާސީއާ ހިލާފުވި ކަމަކަށް ރައްޔިތުންގެ މަޖިލީހަކަށް އަދި އެ މަޖިލީހުގެ ރައީސްއަކަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ. އެއީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށް ޝަރީފު ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ޖަވާބު ނުދެއްވި ކަމަށް ރައީސް ނަޝީދާ ހަވާލާ ދެއްވައި މަޖިލީހުގެ އިދާރާއިން ނޫސް ބަޔާން ނެރުނުއިރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ މެންބަރު ޝަރީފު ވިދާޅުވަނީ ޖަވާބު ދެއްވީ ކަމަށެވެ. މިނިސްޓަރަކު ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ރައީސް ނަޝީދު ނިންމަވައި ނޫސް ބަޔާނެއް ނުރުނު ވެސް މިއީ ފުރަތަމަ ފަހަރެވެ.