ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަތޮޅުތަކަށް 40،000 ބަސްތާގެ ކާޑު ފޮނުވައިފި

Apr 29, 2020

އެސްޓީއޯ އިން ހަފުތާއެއްގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކަށް 40،000 ބަސްތާގެ ކާޑު ފޮނުވައިފި އެވެ.

ރާއްޖެއަށް ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ތެރޭގައި ކާޑުގެ ޑިމާންޑަށް ބަލައި އެ ބާވަތްތައް ސަޕްލައި ކުރަމުންދާ ކަމަށާ، ހަފުތާއެއްގެ ތެރޭ ރާއްޖޭގެ އެކި ހިސާބު ތަކަށް 40،000 ބަސްތާ ހަނޑޫ، ހަކުރު އަދި ފުށް ފޮނުވާފައިވާ ކަމަށެވެ.

އަމްރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ރޯދަ މަހާއި ކޮވިޑް-19 އާއެކު، ރާއްޖެއަށް ކާޑުގެ ޑިމާންޑް އާދަޔާ ހިލާފަށް ބޮޑުވާނެ ކަމަށް ބަލައި، އެ ކުންފުނިން ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ކާޑު ގެނެސް ގުދަން ކޮށްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މާލޭގައި އެ ކުންފުނިން ބަލަހައްޓާ ގުދަންތައް ފުރުމުގެ ސަބަބުން ހުޅުމާލޭގައި ވެސް ގުދަން ކޮށްފައިވާ ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ.

އެސްޓީއޯ އިން ދަނީ ރާއްޖެއަށް ބޭނުންވާ ކާޑު އެތެރެ ކުރުމުގެ އޮޕަރޭޝަންގެ އިތުރުން ބޭހާއި ފިޔާ އަލުވި އަދި ބިސް އެތެރެ ކުރުމުގެ އޮޕަރޭޝަންގައި ވެސް އިސް ދައުރެއް އަދާ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ޖެހޭ ބޭހާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހަށި ރައްކަލަކަށް ބޭނުން ކުރާ، ޕާސަނަލް ޕްރޮޓަކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) ގެ ބޮޑު ބައެއް ވެސް ގެނެސް ދެނީ އެސްޓީއޯ އެވެ.