ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޓީއޯ މާލޭގެ ކާޑު ގުދަންތައް ފުރި ހުޅުމާލެ އަށް

Apr 19, 2020
3

ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް މަދު ވިޔަ ނުދޭން، އެސްޓީއޯއިން ގެނެސްފައިވާ ސްޓޮކާއެކު، މާލޭގެ ގުދަންތައް ފުރި ހުޅުމާލޭގައި ގުދަން ކުރަން ފަށައިފި އެވެ.

ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ކުރިއަށް ރޯދަ މަސް އޮތުމާއެކު ރާއްޖެއަށް ބޭނުންވާ ވަރަށް އެ ކުންފުނިން ކާޑު އެތެރެ ކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ހުރި ކާޑު ގުދަން ވެސް ފުރުމާ ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިހާރު ވެސް މާލޭގެ ވިޔަފާރި ބަނދަރުގައި ގިނަ އަދަދެއްގެ ކާޑު އެބަހުރި ކަމަށާ، ކާބޯ ތަކެތީގެ 100 އެއްހާ ކޮންޓެއިނާގެ މުދާ ވެސް އެބަހުރި ކަމަށެވެ.

"ހުޅުމާލޭގައި ހުރި އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން ގުދަނެއް ހުސްކޮށް ސާފު ކުރުމަށްފަހު އެތަނުގައި ވެސް ގުދަން ކުރަމުން މިދަނީ. ފިޔާ ބިސް އަލުވި ވެސް އެބަހުރި. މި ބާވަތްތައް ލިބުމަށް ދައްޗެއް ނެތް،" އަމްރު ވިދާޅުވި އެވެ.

ދިވެހިން އެންމެ ގިނަ އިން ކެއުމަށް ބޭނުން ކުރާ ކާޑުގެ ބާވަތްތައް އެ ކުންފުނިން މިހާރު ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވަމުންނެވެ.