އެކި ބާވަތްތައް ގަތުމަށް ގިނަ އަދަދެއްގެ މީހުން އެސްޓީއޯއަށް ގޮސް ކިޔޫ ހެދުމާއެކު، ބޭނުން ހުރިހާ އެއްޗެއް އެސްޓީއޯ ސުޕަމާކެޓުން ގެއަށް ޑެލިވާކޮށް ދޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު މިހެން ވިދާޅުވި އިރު އެސްޓީއޯ ސުޕަމާކެޓަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ ތޮއްޖެހި އެއްޗެހި ގަންނަން ފަށާފައި ވެއެވެ. މިހާރު ވެސް ސުޕަމާކެޓްގެ ތެރޭގައި ވަރަށް ގިނަ މީހުން އެބަ ތިއްބެވެ. މަގުމަތީގައި ވެސް ފިހާރައަށް ވަންނަން ދިގު ކިޔޫއެއް ހަދާފައިވެ އެވެ.
މީގެ ކުރިން ވެސް އެސްޓީއޯއިން ވަނީ އޮންލައިންކޮށް ޑެލިވަރީގެ ހިދުމަތް ފަށައި އެކަން އިއުލާން ކޮށްފަ އެވެ. އެކަމަކު އޭގެ ބޭނުން ނުހިފާތީ އަމްރު މިއަދު ވަނީ ތޮއްޖެހިގެން އެއްޗެހި ގަންނަން ނުދިއުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ގިނަ ބަޔަކު ފިހާރަތަކަށް އެއްޗެހި ގަންނަން ދާން އަވަސްވެގަތީ މާލެ ތެރެއިން ދިވެއްސަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އާއި އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު މިހާރު ބަންދުކޮށްފައި ވުމުންނެވެ.
މިއީ މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އާންމުކޮށް އަމަލު ކުރާ އުސޫލަކީ ރަށަކުން މީހަކު ޕޮޒިޓިވްވެއްޖެނަމަ އެ ރަށެއް ލޮކްޑައުން ކުރުމެވެ. ނަމަވެސް މި ހާލަތުގައި އަދި އަޅާނެ ފިޔަވަޅެއް އެޗްޕީއޭއިން އިއުލާނެއް ނުކުރެ އެވެ.
މާލެ ލޮކްޑައުންއަށް ގެންނަ ހާލަތެއްގައި ޑެލިވަރީކޮށް ދޭނެ ފިހާރަތަކާއި ކެފޭތައް ރަޖިސްޓްރީވުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ހުޅުވާލާފަ އެވެ.