ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ތޮއްޑޫ ދަނޑުވެރިން ރަށުގަ ތިބެ، މުދާކޮޅު ހުސްކޮށްލަނީ!

ތޮއްޑޫ އަށް ކޮންމެ ރޯދަ މަހު މުޅިރާއްޖެއަށް ހާއްސަ ރަށެވެ. އެ ރަށާ ނުލާ ރޯދަ "ފުރިހަމަ ނުވާ" ރަށެއްގެ ގޮތުގައި ބައެއް މީހުން ދެކެ އެވެ. ހާއްސަކޮށް ރޯދަ ވީއްލާ ގަޑި އަށް ފަނި ގިރަން ބޭނުންވާ ކަރާ ގިނަ އަދަދަކަށް ރަށުގެ ދަނޑުތަކުން ހައްދަ އެވެ. މި އަހަރު ވެސް އެކަން އޮތީ ހަމަ މިގޮތަށެވެ. ނަމަވެސް މި އަހަރުގެ ތަފާތަކީ ރަށުގައި ތިބެ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކަަން އެ ރަށަށް މަޖުބޫރުވެފައިވުމެވެ. ކުރީ އަހަރުތަކުގައި މާލެ އަށް އެއްޗިހި ގެންދިޔަ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވުމުން މުދާ ގެންދަން ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެހެންވެ، ރަށުގެ ދަނޑުވެރިންގެ މުދާ ވިއްކަމުން ގެންދަނީ އެ ރަށުގެ ބަނދަރަށް މުދާ ގަންނަން އުޅަނދު ފަހަރު ގެނެސްގެންނެވެ. މިކަންވީ އެރަށަށް މުޅިން އާ އަދި ދަނޑުވެރި ވިޔަފާރީގެ ކުރިމަގު ތަފާތު ގޮތަކަށް ބައްޓަން ކުރަން ލިބުނު ފުރުސަތަކަށެވެ.

"ކުރިން މުދާ ގެންދާއިރު، ނާލު ނަގާނެ. އަނެއްކާ ވިއްކަން މުދާ ހިފައިގެން ދާން އެބަޖެހޭ. އެކަމަކު މިހާރު ރަށުގަ ތިއްބައި މުދާ ބަލާ އެ އަންނަނީ ބޭނުންވާ މީހުން. މީ އެއްގޮތަކުން ބުނެވިދާނެ ކިރާލުމުން ވަގުތުން ފައިސާ ލިބޭ ސިސްޓަމެއްގެ ގޮތުގައި. ދޯނި ފަހަރު ބަނދަރަށް އައީމަ މުދާކޮޅު ބަނދަރަށް ނެރެންވީ. އޭރުން ކިރާލާފަ ވަގުތުން ފައިސާކޮޅު ދޭނެ. މިއީ މުޅިންއާ ތަޖުރިބާއެއް،" ތޮއްޑޫގެ ދަނޑުވެރިއެއް ބުންޏެވެ.

މި އަހަރު 500 ޓަނުގެ ކަރާ ހެއްދި!

ތޮއްޑޫ ވަނީ މި އަހަރުގެ ރޯދަ މަހަށް ވެސް ފުރިހަމައަށް ތައްޔާރުވެފަ އެވެ. މި އަހަރު އެރަށުގައި 500 ޓަނުގެ ކަރާ ހައްދާފައިވެ އެވެ. މިއީ މިހާރު ވިއްކާ އަގުން ބަލާނަމަ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ ކަލަ އެވެ. ތޮއްޑޫ ދަނޑުވެރިން ވަނީ މިގޮތަށް ވިޔަފާރި ކުރަން ވެސް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާތީ، މާލެ އަށް މުދާ ގެންނަ ހުރި ދަތިތައް މި ރަށުގެ ދަނޑުވެރިން ބަލައިގަތީ މި ވިޔަފާރި މުޅިންއާ ގޮތަކަށް ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ.

ތޮއްޑޫ ވަނީ ބަނދަރަށް އަންނަ އުޅަނދު ފަހަރަށް މުދާ އަރުވަން ބަނދަރު މަތީގައި ހާއްސަ އިންތިޒާމު ތަކެއްވެސް ހަމަޖައްސާފަ އެވެ. ރަށަށް ކޮވިޑް-19 ބަލި އެ ރަށަށް އައިސް ފާނެ ކަމަށް އެ ރަށް މިވަނީ ފުރިހަމަ އަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްވެސް އަޅާފަ އެވެ. ރަށުގެ ކައުންސިލާއި ކޮވިޑް-19 ގެ ޓާސްކް ފޯސް ކޮމެޓީގެ ނެގުމުގެ މަތިން، ރަށަށް އަންނަ އޮޑި ފަހަރުން މީހުން ފޭބުން މަނާކޮށްފައިވެ އެވެ. އަދި ރަށަށް އެއްޗެއް އެރުވޭނީ އެ އެއްޗެއް ޑިސް އިންފެކްޓް ކުރުމަށްފަހު އެވެ.

މި ހާލަތަށް އޮތީ ދުރާލާ ތައްޔާރުވެފަ

ތޮއްޑޫގެ ޓާސްކް ފޯސް ކޮމެޓީން ވާހަކަ ދެއްކެވި އަހުމަރު ކަރަމް ވިދާޅުވި ގޮތުގައި ތޮއްޑޫ އޮތީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރު ވެގެން ކަމަށެވެ. ރަށަށް މުދާ ގަންނަން އޮޑިއެއް އައުމުގެ ދެ ގަޑިއިރު ކުރިން އަންގަން ޖެހެ އެވެ.

"މި ހާލަތު އަންނާނެ ކަމަށް ބަލައި، އަޅުގަނޑުމެން މިތިބީ ކުރިން ތައްޔާރު ވެގެން. އޭގެ ނަތީޖާ މި ފެނުނީ. ދަނޑުވެރިކަމުގެ ބާވަތްތައް އުކާލުމުގެ ބަދަލުގައި ވަގުތުން ބަނދަރުން ކިރުވާލަން ފުރުސަތު ލިބިގެން މި ދިޔައީ. މިގޮތަށް ތަކެތި ވިއްކަން ކައުންސިލުން ވަނީ ރަނގަޅު އިންތިޒާމެއް ހަމަޖައްސާފަ. އެއްޗިހި ގަންނަން އެބައާދެ ރާއްޖޭގެ އެކި ކަންކޮޅުތަކުން. އެކި ރަށްރަށުން،" ކަރަމް ވިދާޅުވި އެވެ.

ދެ ދުވަހުން 30 އުޅަނދު ބަނދަރަށް!

ތޮއްޑޫ ދަނޑުވެރިން ރަށުގައި ތިބެ އެއްޗިހި ވިއްކަން ހުޅުވާލުމާއެކު، ފުރަތަމަ ދުވަހު 30 އަކަށް އޮޑި މުދާ ބަލާ އެ ރަށަށް ބަނދަރު ކުރި އެވެ. އަދި މިކަން އިސްތިހާރުވާ ވަރަކަށް ޑިިމާންޑު ދަނީ އިތުރުވަމުންނެވެ. އެ ރަށު ދަނޑުވެރިންގެ މިހާރު ވިސްނުން ހުރީ ސަރުކާރުން ހުއްދަ ދިނުމާއެކު، މާލޭގެ ބޮޑެތި ވިޔަފާރި ތަކަށް ވެސް މި ފުރުސަތު ހުޅުވާލުމެވެ. ރަށުން މުދާ ހިފައިގެން ދިއުމުގެ ބަދަލުގައި ބޮޑެތި ވިޔަފާރިތައް މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މުދާ ފޯރުކޮށް ދިނުމެވެ. މިހާރަށް ބަލާއިރު އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ތޮއްޑޫ ރައްޔިތުން ދެކެ އެވެ.

"މިގޮތަށް ވިއްކީމަ، މާލެ އަށް ވިއްކާ ވަރުގެ ބޮޑު އަގެއް ނުލިބި ދާނެ. އެކަމަކު ރަނގަޅު އެއްޗެއް ލިބޭނެ. ބައެއް ދަނޑުވެރިން 12،000 ކިލޯގެ ކަރާ ވިއްކައިފި. މިހާރުވެސް ގާތްގަނޑަކަށް 40 ޓަނުގެ ކަރާ ވިއްކާފައިވާނެ ކަމަށް ބެލެވޭ،" ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫ ދަނޑުވެރިންނަށް ހާއްސަ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައި ނުދިން ނަމަވެސް، މިހާރު އެތިބީ ހިތްހަމަ ޖެހިގެންނެވެ. މިހާރު އެރަށުގެ އަމާޒުހުރީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ޗެއިންތަކަށް މުދާ ވިއްކުމަށެވެ. އެ ކުންފުނިތަކުގެ އުޅަނދު ފަހަރު މުދާ ބަލާ ތޮއްޑޫ ބަނދަރަށް އަންނަން ލިބޭ ފުރުސަތަކީ މިރަށުގެ ވިޔަފާރިތަކަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށްވާނެ އެވެ.