ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ހިދުމަތް އެދެނީ ގުޑި އަރުވަން ނުދާން

ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މިވަގުތު ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުމެ ނޫޅުމާއި ގުޑިއަރުވަން ނުދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފި އެވެ.

މިރޭ އެޗްއީއޯސީއީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސްޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ ބޭރަށް ނިކުމެ އުޅެން ހުއްދަ އޮންނަ ވަގުތުތަކުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭރުގައި އުޅޭކަން ފާހަގަ ކުރެވޭ ކަމަށާ އަދި އެއްވެސް ގައިދުރު ކަމެއް ނެތި އުޅޭތަން ފެންނަމުންދާ ކަމަށެވެ.

އަދި ޕާކުތަކާއި މައިޒާންތައް ބަންދުކޮށްވީނަމަވެސް ކޮންމެ ދުވަހަކު ހަވީރު އެތައް ބަޔަކު އެ ތަންތަނަށް ޒިޔާރަތް ކުރަމުންދާ ކަމަށެވެ. ޝަރީފް ވިދާޅުވީ ކޮންމެ ދުވަހަކު އެތައް ބަޔަކު އެފަދަ ތަންތަނުން ފޮނުވާލަން ޖެހޭ ކަމަށާ އެހެން ކަމުން އެ ގޮތަށް އެކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ހަވީރުގެ ވަގުތުތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބޭރުގައި އުޅުމެވެ. ކުދިން ގޮވައިގެން ބެލެނިވެރިން ޕާކުތަކާއި މައިޒާންތަކަށް ދާއިރު ގިނަ އަދަދެއްގެ ކުޑަކުދިން ބެލެނިވެރިންނާއެކު ގުޑި އަރުވަން ގޮސް އުޅެއެވެ. އެހެން ކަމުން އެކަން އެގޮތަށް ނުކުރުމަށް އެދިފައިވެއެވެ.

"އަޅުގަނޑުމެން އެންމެ ކަންބޮޑުވާ އެއް ކަމަކީ ކުޑަކުދިން ހަވީރު ގަޑީގައި މަގުމައްޗަށް ނިކުންނަކަން ފާހަގަކުރެވޭ. އަދި ބެލެނިވެރިން އެ ކުދިން ގޮވައިގެން މަޑި އެރުވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާތަން އަޅުގަނޑުމެންނަށް ފެނޭ. މިއީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. މި ބަލިން ސަލާމަތްވުމަށްޓަކައި މިކަންތައްތައް ނުކުރެއްވުމަަށް ބެލެނިވެރިންގެ ފަރާތުން އެދެން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮވިޑްގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށްވުުން މިއީ ފަރުވާ ކުޑަކޮށްލައިގެން ވާނެ ވަގުތެއް ނޫނެވެ. އަދި މިއީ އެއްވެސް ކަމެއް ނޫން ކަމަށް ބަލާ ފަރުވާކުޑަކޮށްލައިފިނަމަ ހާލަތު ގޯސްވެ ނުރައްކާވާނީ މުޅި މުޖްތަމައުއަށް ކަމުން އެކަން އެހެން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ.

ބާޒާރާއި މާރުކޭޓްތައް ވަރަށް ނުރައްކާ

ޝަރީފް މިރޭ ވިދާޅުވި ގޮތުގައި ބާޒާރު މަތީގެ ހާލަތު ވަރަށް ގޯހެވެ. އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް އެއްގޮތަކަށްވެސް އަމަލު ނުކުރާ އެތައް ބަޔަކު ބާޒާރުމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާޒާރުމަތީ ގައިދުރު ކަމެއް ނެތުމާއި މާސްކު ނާޅާ އުޅޭ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މާސްކު ނާޅާ އުޅޭ މީހުންގެ ތެރޭގައި ބިދޭސީންނާއި ދިވެހިންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު އެތައް ބަޔަކަށް ނަސޭހަތްދީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓްގައިވެސް ގައިދުރު ކަމެއް ނެތި އެތައް ބަޔަކު އެތައް ވަގުތެއް ހޭދަކުރަމުންދާ ކަމަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ ފުލުހުން އެކަންކަން ހުއްޓުވަން މަސައްކަތް ކުރިނަމަވެސް މިހާތަނަށް އެކަންކަން ހުއްޓިފައި ނުވާ ކަމަށެވެ.