ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ބޭރަށް ނުކުންނަން 26،300 މީހަކަށް ފާސް ދީފި

ހައުސްހޯލްޑް ޕާމިޓަށް އެދިފައިވާ މީހުންގެ ތެރެއިން 26،300 މީހަކަށް ޕާމިޓް ދޫކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް ސްޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ މިހާތަނަށް 26،300 މީހަކަށް ޕާމިޓް ދޫކޮށްފައިވާ ކަމަށެވެ. އަދި 6،000 ވުރެ ގިނަ ހުށައެޅުމަށް އަދި ހުއްދަ ދެވިފައިނުވާ ކަަމަށެވެ.

ޝަރީފް ވިދާޅުވީ ބައެއް ހުށައެޅުންތަކަށް ހުއްދަ ނުދެވި ލަސްވާ ސަބަބުތަކެއްވާ ކަމަށެވެ. އެގޮތުން ބައެއް މީހުން ފެން މީޓަރު ނަންބަރު ފޮނުވުމާއި ކޮންމެ ގޭބީސީއަކަށް ދެ ފާސް ދޫކުރާއިރު އެކެއްގެ ނަމުގައި ދެ ފާހަށް އެދުން ފަދަ ކަންކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން ވަނީ ހަރުކަށި ކޮށްފައެވެ. އެ ގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ކާފިއު ހިންގާނެ އެވެ. އަދި ކާފިއު ނޫން ވަގުތުވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ އެ ހުއްދައެއްގެ ދަށުންނެވެ.

ފާސް ދޫކުރާނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ. މި ފާސްނުލާ ބޭރުގައި އުޅުން މަނާވާނެ އެވެ.

ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާ އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކާފިއު ވަގުތު އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ.