ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމާތާއި ގައުމީ ދިފާއު ބާރުން ވަރުގަދަ މަސައްކަތްތަކެއް ފަށައިިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.
އަދި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އެ ވިޔަފާރިތަކަށް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވެއެވެ. ނަމަވެސް ޑައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ އެވެ.
މި ފިޔަވަޅުތައް ތަންފީޒުކޮށް އަމަލު ކުރާކަން ޔަގީން ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. ދިވެހި ފުލުހުންގެ ހިދުމާތާއި ގައުމީ ދިފާއު ބާރުން ބުނީ ދެ މުއައްސަސާ ގުޅިގެން މަގުމަތީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެކި މަގުތަކާއި ގޯޅިތަކުގައި ސިފައިންނާއި ފުލުހުން ތިބޭއިރު ކާފިއު ވަގުުތު ބޭރުގައި އުޅޭ މީހުން ހުއްޓުވާ އެ މީހުންނަށް ނަސޭހަތްދީ ފިޔަވަޅު އަޅައެވެ. އަދި ބޭރުގައި އުޅެން ހުއްދަ އޮންނަ ވަގުތު މާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރެއެވެ.
ކޮވިޑްގެ ނުރައްކާ ކުރީން ބޮޑުވި ކޮންމެ ފަހަރަކު ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ހަރަކާތްތެރިވަނީ ފުލުހުންނެވެ. ނަމަވެސް ދެ މުއައްސަސާ އެކުގައި ހާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމާތާއި ގައުމީ ދިފާއު ބާރު ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމާއި ގުޅިގެންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މިހާރު އޮތް ގޮތުން މި ބައްޔާ ދެކޮޅަށް އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ގައުމާ މުހާތަބު ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅު ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބާއްވާ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަން މެދުކަނޑައިލެވުުނު ކަމަށާ އޭގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ.
ނަމަވެސް އިގްތިސާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުވީއިރު ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިގްތިސާދީ ގެއްލުމެއް ކުރިމަތިވި އެއް ގައުމަކީވެސް ރާއްޖެ ކަމަށެވެ. ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ފަށާފައި ވިޔަސް އަދިވެސް ރާއްޖޭގެ އިގްތިސާދުދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާ ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް ވިޔަފާރިތައް ހުއްޓި އާމްދަނީ ހޯދޭނެ ގޮތެއް ނެތި ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ދިން ލުއިތަކާއެކު އަނެއްކާވެސް ބަލިފެތުރުން އިތުރުވެފައިވާ ކަމަށެވެ.
"..މިހާރުގެ ހާލަތަށް ބަލާއިރު މި ބައްޔާ ދެކޮޅަށް އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ. މިބައްޔަށް މިހާރު މީހުން ޕޮޒިޓިވްވާ ނިސްބަތަށް ބަލާއިރު އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި،" ރައީސް ވިދާޅުވިއެވެ.
މިހާރު އަޅާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަލަށް އެޅި ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން އިތުރު 1،216 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 41،308 އަށް އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 13،784 މީހުންނެވެ. މިހާތަނަށް 27،428 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 259 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 87 މީހަކު މަރުވެފައިވެއެވެ.