ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކޮވިޑް އުސޫލާ ހިލާފުވި 286 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 286 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮންޓްރޯލެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުން މަގުމަތީ ހަރަކާތްތެރިވާއިރު އުސޫލާއި ހިލާފުވާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

އެޗްއީއޯސީން މިރޭ ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އުސޫލުތަކާއި ހިލާފުވި 286 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން 103 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅެގެނެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް މި ފަހުން މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ކާފިއު ވަގުތު ބޭރުގައި އުޅުނު 160 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ. މި ބާރަ ގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ވެހިކަލް ދުއްވައިގެން 23 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ.

ރާއްޖޭގައި ކޮވިޑްބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގައެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލުން 741 ސާމްޕަލް ޕޮޒިޓިވްއެވެ. މިއަދު ތިން މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މިއީ 97 ވަނަ ކޮވިޑް މަރެވެ.