ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ޗުއްޓީ ނުލިބޭ ގޮތަށް މަޖިލީހުގެ ދައުރު ދިގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި އަހަރުގެ ފުރަތަމަ ދައުރުގެ ޗުއްޓީ ނުލިބޭ ގޮތަށް ދައުރުގެ މުއްދަތު ދިގު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އަންނަ މެއި މަހުގެ ނިޔަލަށް ދިގު ކުރަން ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ. އެ ކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަކީ މަޖިލީހުގެ މަސައްކަތް ހުއްޓިފައި ބޭއްވެން ނެތް ކަމަށެވެ. ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް މިހާރު ގެންދާ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ފުރަތަމަ ދައުރު ދަމާލާއިރު، އޭގެ ސަބަބުން މަޖިލީހުގެ މެންބަރުންނަށް ފުރަތަމަ ދައުރު ނިމި ލިބިވަޑައިގަންނަވާ ޗުއްޓީއެއް ނުލިބޭނެ ކަމަށެވެ. އެއީ ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ ފުރަތަމަ ދުވަހު ފަށަން ގަވާއިދުގައި އޮންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު 19 ވަނަ މަޖިލިސް ފެށި ފަހުން މިއީ ތިންވަނަ ދައުރެވެ. މި ދައުރުގެ މުއްދަތު އިތުރުކުރިއިރު، މިދިޔަ އަހަރުގެ ފަހު ދައުރާއި މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ވެސް ގަވާއިދުގައިވާ މުއްދަތަށް ވުރެ ދައުރު ދިގު ކުރަން ފާސްކޮށްފައިވެ އެވެ.