ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މަސައްކަތް ކުރައްވާ އިދާރީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭނާއާ އެ ކޮމިޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަ ކޮންޓެކްޓް ވެފައިވާތީ އޭނާ އެކަހެރިކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޖުތިމާއީ ކޮމިޓީގެ މުވައްޒަފުގެ ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ އެ ކޮމިޓީގެ މުގައްރިރު އައިސޮލޭޝަންގައިވާ ކަމަށެވެ. އެ ކޮމިޓީގެ މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާ ސީދާ ކޮންޓެކްޓް ވުމުން އެ މަޖިލީހުގެ މެންބަރަކު އެކަހެރި ކުރި ފުރަތަމަ ފަހަރެވެ. މެންބަރު އީސަ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ނުވަތަ ނޫން ކަން އެދި ނޭނގެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން އަންގާފައިވާ މުވައްޒަފަކީ އަންހެން މުވައްޒަފެކެވެ. އެކަމާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިއީ މަޖިލީހުގެ އިދާރާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިންވަނަ މުވައްޒަފެވެ. މީގެ ކުރިން މަޖިލީހުގެ އިދާރާގެ މެއިންޓަނަސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކާއި އިދާރާގެ ވެހިކަލެއް ދުއްވާ ޑްރައިވަރަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.