ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝް މީހަކު ކަރަންޓީނަށް ދާން ދެކޮޅު ހެދުން އަމުރު ނެރެފި

May 1, 2020

ކޮވިޑް-19އާ ގުޅިގެން ކަރަންޓީނަށް ގެންދިޔުމަށް ބަންގްލަދޭޝް މީހަކަށް އެންގުމުން އޭނާ އެކަމަށް ދެކޮޅު ހަދައިފި އެވެ. އެހެންވެ، ސިވިލް ކޯޓުން ދާދިދެންމެއަކު ވަނީ އަމުރެއް ނެރެ، އޭނާ ކަރަންޓީނަށް ގެންދިޔުމަށް އަންގާފަ އެވެ.

ކޯޓުން އަމުރު ކޮށްފައިވަނީ އެ ބަންގްލަދޭޝް މީހާ ކަރަންޓީނުގައި ބަންދުކޮށް، އެކަން ކަމާބެހޭ ފަރާތްތަކުން ތަންފީޒު ކުރުމަށެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް-19 ބަލި ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. އަދި މިހާރު ވެސް އެ ބަލި ބިދޭސީންގެ މެދުގައި ބާރަށް ދަނީ ފެތެރެމުންނެވެ. އެހެންވެ، ޕޮޒިޓިވްވާ މީހުންނާ ގުޅުންހުރި ކަރަންޓީނަށް ގެންދިޔުމުގެ މަސައްކަތް އެޗްޕީއޭއިން ކުރެ އެވެ.

މީގެކުރިން ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ސިވިލް ކޯޓުން ހަތަރު އަމުރެއް ނެރެފައިވެ އެވެ. އެއީ ތިން ދިވެއްސެއްގެ މައްޗަށާއި އެއް އޮސްޓްރިއާ މީހެއްގެ މައްޗަށެވެ.

މިއަދު ސިވިލް ކޯޓުން އިތުރު އަމުރެއް ވެސް ނެރުނެވެ. އެއީ ސާމްޕަލް ދިނުމަށް ދެކޮޅު ހެދި ދިވެއްސެއްގެ މައްޗަށެވެ. އޭނާގެ ސާމްޕަލް ދިނުމަށާއި އެކަން ތަންފީޒު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ދާދިދެންމެ ނެރުނު އަމުރުގައި އަންގާފައިވެ އެވެ.

ރޭ ވެސް ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެނެވެ. އެއީ ވެސް ސާމްޕަލް ދިނުމަށް އިންކާރު ދިވެއްސެއްގެ މައްޗަށެވެ.

ކޮވިޑް-19 ބަލި ފެތެރެމުންދާއިރު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސް ދުވަހަށް މިއަދު ވަނީ އިތުރުކޮށްފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓާއަށް ބޮޑެތި ބާރުތަކެއް ލިބެ އެވެ.