ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރު ނެރެފި

ރާއްޖޭގަައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވެފައިވާއިރު، ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރު ނެރެން ޖެހިއްޖެ އެވެ. މި އަމުރު ނެރެފައިވަނީ ދާދިދެންމެ އެވެ. މިއީ މީހަކު ސާމްޕަލް ނުދީގެން ކޯޓު އަމުރު ނެރެން ޖެހުނު ފުރަތަމަ ފަހަރެވެ.

ސިވިލް ކޯޓުން މިރޭ ބުނީ ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގައި މި ވަގުތު ހުރި މީހެއް ކަމަށެވެ.

ކޯޓުން އަމުރު ނެރެފައިވަނީ އެމީހާގެ ސާމްޕަލް ދިނުމަށް އަމުރުކޮށްފަ އެވެ. އަދި، އެކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވެސް އަމުރުގައި އަމުރުކޮށްފައިވެ އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކާ ހަދައިގެން ސިވިލް ކޯޓުން ނެރުނު ފަސްވަނަ އަމުރެވެ. މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުން ކަރަންޓީނަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި އޮސްޓްރިއާ މީހެއް ވެސް ހިމެނެ އެވެ.

މާލެ ސިޓީގައި ކޮވިޑް-19އަށް އިންތިހާއަށް ފެތުރެމުންދާއިރު ގިނަ ބަޔަކު ކަރަންޓީނަށް ގެންދަން ވެސް ވަނީ ޖެހިފަ އެވެ. އޭގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުންނާއި އާއިލާ މީހުން ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުން އައި ބައެއް މީހުން ވެސް ކަރަންޓީނުގައި އެބަ ތިއްބެވެ.

މިއަދު އެކަނި ވެސް މާލެއިން 119 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ބަލި ފެތެރެމުންދާއިރު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސް ދުވަހަށް މިއަދު ވަނީ އިތުރުކޮށްފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓާއަށް ބޮޑެތި ބާރުތަކެއް ލިބެ އެވެ.