އެއް އަހަރު ނުވާ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ސާމްޕަލް ދިނުމަށް އެ ކުއްޖާގެ މައިންބަފައިން ދެކޮޅު ހަދައިފި އެވެ.
އެކަމަށް މައިންބަފައިން ދެކޮޅު ހަދާތީ ރޭގެ ވަގުތެއްގައި ސިވިލް ކޯޓުން އެ މައިންބަފައިންގެ މައްޗަށް އަމުރެއް ނެރުނެވެ. އެ އަމުރުގައި ކުއްޖާގެ ސާމްޕަލް ނެގޭނެ ގޮތަށް މަގުފަހި ކުރަން މައިންބަފައިންނަށް އަންގައި އެކަން ތަންފީޒު ކުރަން ފުލުހުންނާއި އެކަމުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކުގެ މައްޗަށް އަމުރު ކުރި އެވެ.
ރޭގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ސިވިލް ކޯޓުން އަމުރު ނެރެން ޖެހުނެވެ. އެ ހަތަރު މީހުން ވެސް ވަނީ ސާމްޕަލް ދޭން ދެކޮޅު ހަދާފަ އެވެ.
ރޭގެ އަމުރުތަކުގެ އިތުރުން ވެސް ސާމްޕަލް ނުދީގެން މީހެއްގެ މައްޗަށް މީގެ ކުރިން އަމުރެއް ނެރުނެވެ. އަދި ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން އަމުރު ނެރެމުން ވެސް ދެކޮޅު ހެދި މީހަކު ހައްޔަރުކޮށް ސާމްޕަލް ނަގާފައި ވެސް ވެއެވެ.
އޭގެއިތުރަށް ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ވެސް ބައެއްގެ މައްޗަށް ސިވިލް ކޯޓުން އަމުރުތައް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝް މީހަކާއި އޮސްޓްރިއާ މީހަކު ހިމެނެ އެވެ. އޭގެ ފަހުން އިއްުޔެ ކަރަންޓީނުގައިު ތިބި ފަސް މީހަކު ފިލާފައިވެސްވެ އެވެ.