ކޮވިޑް-19 އަށް ޓެސްޓު ކުރަން ދެކޮޅު ހެދި ދެ މީހެއްގެ، ސާމްޕަލް ނަގަން ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.
ސިވިލް ކޯޓުން ރޭ ނެރުނު އަމުރެއްގައި ބުނެފައި ވަނީ އެ ދެމީހުން ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދިނުމަށް އަންގާ ކަމަށާއި އަދި އެ އަމުރު ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ތަންފީޒު ކުރުމަށެވެ.
މީގެ ކުރިން ވެސް ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކާ ހިލާފުވުމުން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުންގެ ސާމްޕަލް ނަގާފައިވެ އެވެ. އަދި ބައެއްވ މީހުން ކަރަންޓީނަށް ވެސް ގެންދިޔަ އެވެ. އޭގެ ތެރޭގައި އޮސްޓްރިއާ މީހަކު ވެސް ހިމެނެ އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައްޔަށް ޝައްކުވާ މީހަކު ނުވަތަ ބައްޔަށް ޓެސްޓު ކުރަން ދެކޮޅު ހަދާނަމަ ކޯޓު އަމުރު ހޯދައިގެން ޓެސްޓު ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުން ދީފައި ވެއެވެ.
ރާއްޖޭގައި މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދު 2000 މައްޗަށް އަރާފައިވާ އިރު މި ބަލި ޖެހިގެން އަށް މީހަކު ވަނީ މަރުވެފަ އެވެ. ބަލި ޖެހޭ މިންވަރަށްވުރެ މި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް މި ބަލިން 1839 މީހަކު ވަނީ ރަނގަޅުވެފަ އެވެ.