ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަލާމަތީ ބާރުތަކުގެ ކޭސްތައް ވަކިން ހާމަ ނުކުރަން ނިންމައިފި

May 1, 2020
5

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުންނާއި ސިފައިންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ، ގައުމީ ސަލާމަތަށްޓަކައި، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުންނާއި ސިފައިންގެ އަދަދުތައް ވަކިން ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ.

"އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވި، މީގެ ފަހުން އެ ބައްޔަށް ޕޮޒިޓިވްވާ ފްރަންޓް ލައިންގައި މަސައްކަތްކުރާ ހުރިހާ މީހުން ހިމެނޭގޮތަށް އެ އަދަދު ހާމަކުރަމުން ގެންދާނީ،" މަބުރޫކު ވިދާޅުވި އެވެ.

އެންއީއޯސީން މީގެ ކުރިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ސިފައިންގެ ހަ މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި އެވެ. އޭގެ ތެރޭގައި ބަންޑާރަ ކޮށީގައި ހުރި މީހަކާއި ކަޅުތުއްކަލާ ކޮށީގައި ތިބި ސިފައިންގެ ތެރެއިން ދެ މީހަކާއި ކޮވިޑް ވިލެޖްގެ މަސައްކަތްގައި އުޅުނު ދެ މީހަކު ހިމެނެ އެވެ. އަދި، އެމީހުންނާ ކޮންޓެކްޓްވެފައި ތިބި ގިނަ ސިފައިން ތިބީ އެކަހެރިވެސްކޮށްފަ އެވެ.

އެގޮތުން، އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ސިފައިންގެ ކްލާސްޓާއާ ގުޅުން އޮތް 14 މީހަކު ހިމެނޭ ކަމަށާއި މިއީ ވަރަށް ބޮޑު ކްލާސްޓާއަކަށް ވެގެން ހިނގައިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މީގެކުރިން ޕޮޒިޓިވްވީ ސިފައިންގެ މީހުންނާ ގުޅުން އޮތް 14 މީހަކު ހިމެނޭ ކަމަށެވެ. އެހެންވެ، މިއީ ވަަރަށް ބޮޑު ކްލާސްޓާއަކަށްވުމުގެ ފުރުސަތު އޮތުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަރަށް އިސްކަންދީގެން ކުރަމުންދާ ކަމަށެވެ.

އިއްޔެ ޕޮޒިޓިވްވި މި 14 މީހުންނަކީ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރިން މަސައްކަތް ކުރާ ވޯކްޝޮޕްގައި މަސައްކަތް ކުރާ ބައެކެވެ. އެހެންވެ އެ ވޯކްޝޮޕް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.