ފަސް ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަ ކުރައްވައިފި އެވެ. އަދި، އެ ފުލުހުންނާ ކޮންޓެކްޓްވެފައިވާ 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ ކުރީ ސަފުގައި މަސައްކަތް ކުރާ އެހާ ގިނަ ފުލުހުންތަކެއް މެދުވެގެން ދިޔުމަކީ ގޮންޖެހުމެއް ކަމަށާއި ނަމަވެސް މިކަމުން އަރައިގަނެވޭނީ ފުލުހުން ވެސް ހިމެނޭ ގޮތަކަށް ކުރީ ސަފުގައި ބަޔަކު މަސައްކަތްކޮށްގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންތަކެއް ޕޮޒިޓިވްވެފައިވާތީ، މިހާރު ވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ސަލާމަތަށް އިތުރަށް ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ފުލުހުންނަށް ވަނީ ހަމަޖައްސައިދީފަ އެވެ.
ފަސް ފުލުހަކު ޕޮޒިޓިވްވެފައިވާކަން އިމްރާން ހާމަ ކުރެއްވިއިރު މީގެ ދުވަސްކޮޅެއް ކުރިން އެންއޯއީސީން ވަނީ ސިފައިންނާއި ފުލުހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުން ވަކި ހާމަ ނުކުރުމަށް ނިންމާފަ އެވެ.