ލޮކްޑައުންއާ ގުޅިގެން މާލޭ ސިޓީގައި ތާށިވި މީހުން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިދިޔަ ހަފުތާގެ ތެރޭގައި ފެށި އެވެ. އެގޮތުން ބައެއް ރަށްރަށަށް މީހުން ފޮނުވައި ރަށުގައި ކަރަންޓީނުކުރި އެވެ. އަނެއް ބަޔަކު ކަރަންޓީނު ފެސިލިޓީތަކަށް ގެންދިޔަ އެވެ.
އޭގެފަހުން ޖެންޑާ މިނިސްޓްރީއިން ވަނީ މާލޭގައި ތިބި މީހުންގެ ތެރެއިން އިސްކަންދޭނެ ތަރުތީބަކާއެކު އުސޫލެއް ނެރެފަ އެވެ. އެ އުސޫލާ އެއްގޮތަށް މީހުން ރަށްރަށަށް ގެންދިޔުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ރަށްރަށުގެ ކައުންސިލްތަކުން ދިޔައީ މީހުންގެ މައުލޫމާތުތައް ވެސް އެއްކުރަމުންނެވެ.
ނަމަވެސް އެ މަސައްކަތް މިހާރަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އެލްޖީއޭގައި ވެސް އިންނަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާ މާލޭގައި ބަލި ވަރަށް ބޮޑަށް ފެތިގެންދާނެ އެވެ. އެހެންކަމުން މާލެއިން ރަށްރަށަށް މީހުން ފޮނުވުމަކީ އެންމެ ރަނގަޅު ވިސްނުންކަމުގައި ނުވާނެ އެވެ. އެހެންވެ، އާ ވިސްނުމަކަށް މިހާރު ސަރުކާރަށް ދާން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މާލެއިން މީހުން ރަށްރަށަށް ފޮނުމުން ބަލީގެ އަސަރެއް ނެތް ރަށްރަށަށް ވެސް ބަލި ފެތިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށެވެ. މިވަގުތު މާލޭގައި ތާށިވެފައި ތިބި މީހުންނަށް ދަތިތަކާ ކުރިމަތިވާނެކަން ވެސް އެނގޭ ކަމަށާއި ނަމަވެސް ރަށްރަށަށް އިތުރު ނިކަމެތިކަމެއް ފޯރާނެ ފަދަ ކަމެއް ސަރުކާރުން ކުރުމަށް ބޭނުން ނުވާ ކަމަށެވެ.
މާލޭގައި ތިބި މީހުންގެ ތެރެއިން ބޯހިޔާވެހިކަން ގެއްލި، އަދި ކުލި ދެއްކޭނެ ގޮތް ނެތިފައިވާ މީހުންނަށް ޖެންޑާ މިނިސްޓްރީއިން ގެންދަނީ ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދެމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ ވަގުތީ ބޯހިޔާވަހިކަން އިތުރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ކައުންސިލްތައް މެދުވެރިކޮށް ރަށްރަށަށް ދިޔުމަށް ހުޅުވާލާފައިވާ ފުރުސަތު މިހާތަނަށް ބަންދުކޮށްފައެއް ނުވެ އެވެ. މިހާރު ވެސް ގިނަ ބަޔަކު ނަން ނޯޓް ކޮށްފައިވެ އެވެ. ސަރުކާރުން އާ ވިސްނުމަކަށް ދިޔުމަށް ނިންމާފައިވާކަން މިނިސްޓަރު ހާމަ ކުރެއްވި ނަމަވެސް ދެން މި ކަމުގައި އަމަލު ކުރައްވާނެ ވަކި ގޮތެއް އަދި ވިދާޅުވެއް ނުވެ އެވެ.