ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމައިފި

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ކޭސްތަކެއް ރާއްޖޭން ވެސް ފެނުމާ ގުޅިގެން ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ނުބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުން ދާތީ، ކޮންމެ އަހަރަކު ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީގެ އެކްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތިން އެ ގޮތަށް ނިންމި ނަމަވެސް، ގިނަ މީހުން އެއް ނުވާ ގޮތަށް ހިމެނޭނެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތަފުސީލެއް ނުދެ އެވެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަސް ހާއްސަ ވަނީ، ޕޯޒުގީޒުންގެ އަތްދަށުން ދިވެހިން ސަލާމަތް ކުރުމަށް ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވެވެޑައިގެންނެވި އަލި ރަސްގެފާނަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 11 މީހަކު މިހާތަނަށް ފެނިފައިވާއިރު، އާންމު އެއްވުންތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު ވެސް ވަނީ އިއުލާންކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ހާލަތު އިއުލާން ކުރީ އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.