ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިމްރާން އަބްދުﷲ

ރައްކާތެރިކަން ނަގާލުމަކީ މިނިވަންކަމެއް ނޫން: އިމްރާން

ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެމެދުގައި ވަރަށް ބޮޑު ފަރަގެއްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި އިދިކޮޅުން ސައިކަލެއް ބުރެއް މިއަދު ބާއްވާފައިވަނިކޮށެވެ. ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެ ސައިކަލް ބުރުގައި ގައިދުރުކަން ބަހައްޓާފައިނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާއި ގުޅޭގޮތުން މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެމެދުގައި ވަރަށް ބޮޑު ފަރަގެއްވާ ކަމަށެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ގޮވާލަން،" ރައީސް ޔާމީންގެ ސަރުކާރުގައި މަގުމަތީ ބޭއްވި އެންމެ ބޮޑު ހަރަކާތް ލީޑުކުރެއްވި އިމްރާން ވިދާޅުވިއެވެ.

ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގިނަ އަދަދެއްގެ މީހުންނާއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.