މާފުށީ ޖަލުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި ހުރިހާ ސާމްޕަލްތައް ނެގެޓިވް ވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ކޮވިޑަށް ޓެސްޓް ކުރުމަށް މިއަދު މާފުށީ ޖަލުގައި ތިބި ބައެއް ގައިދީންނާއި ޖަލު އޮފިސަރުންގެ ސާމްޕަލްތައް ވެސް ނަގާފައިވާ ކަމަށެވެ. ސާމްޕަލް ނަގާފައިވަނީ 15 ގައިދީއެއްގެ އަދި 23 އޮފިސަރެއްގެ އެވެ. އެ މީހުންގެ ސާމްޕަލްތައް ނަގާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
ކަރެކްޝަނުން މިރޭ ބުނީ އެ ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. އާއިލީ ބައްދަލުވުންތައް ވެސް ހުއްޓާލައި ޖަލަށް މީހުން ވަދެ ނުކުތުން ވަނީ މަދު ކޮށްފަ އެވެ.
މާލޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ކުރަމުން ދާއިރު ބައެއް ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވްވެފައި ވެސް ވެއެވެ.
މިހާރު ދުވާލެއްގެ މައްޗަށް ރެންޑަމް ސާމްޕަލިންއާ އެއްކޮށް ނަގަނީ 300 އާއި 400 އާ ދެމެދުގެ ސާމްޕަލެވެ. އެއީ މިވަގުތު ޓެސްޓް ކުރުމުގެ ކެޕޭސިޓީ ހުރި ވަރެވެ.