ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެ ޖަލެއްގައި އާއިލީ ބައްދަލުވުންތައް އަލުން ފަށައިފި

Jul 8, 2020

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް މިހާރު ލުއިކޮށްފައިވާއިރު، މާފުށި އަދި އައްސޭރި ޖަލުގައި ތިބި ގައިދީންގެ އާއިލީ ބައްދަލުވުންތައް މިއަދު އަލުން ފަށައިފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މިވަގުތު ކޮވިޑް-19 ނެތް ރަށްރަށުގައި ދިރި އުޅޭ މީހުނަށް މިހާރު އެ ދެ ޖަލުގައި ތިބި އާއިލީ މެންބަރުންނާ މިއަދުން ފެށިގެން ބައްދަލުކުރެވޭނެ ކަމަށެވެ.

"އަދި ހޮނިހިރު ދުވަހުން ފެށިގެން ގައިދީންނަށް އަންނައުނުވެސް އާއިލާތަކަށް ފޮނުވޭނެ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ނަމަވެސް، ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ޖަލުގައި ބަލި ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހްތިރާމް ކުރުމަށް އަހުމަދު މުހައްމަދުފުޅު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މާފުށި އަދި އައްސޭރި ޖަލުގައި އާއިލީ ބައްދަލުވުންތަކަށް އަލުން ފުރުސަތު ދޭން ފަށާފައިވާއިރު، މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ވަނީ މިދިއަ މަހު ފަހު ކޮޅު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ނަމަވެސް، އޭނާ ޕޮޒިޓިވްވުމާ ގުޅިގެން، އެ ޖަލުން ނެގި 101 ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.