ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ކޮވިޑަށް ފަރުވާ ސެންޓަރަކަށް

ކޮވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާ އެކަން އެ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް މިހާރު ހުށައަޅާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީގެ މިރޭގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ސަރުކާރުން ބޭނުންވެނަމަ ކޮވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމަކީ ތިން މަސްދުވަހަށް ވެފައިވާ އެއްބަސްވުމެއް ކަމަށާ ކޮވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާ އެކަން އެ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް މިހާރު ހުށައަޅާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ މިވަގުތު ޓްރީޓޮޕްގައި ފަރުވާ ދެމުންދާ މީހުން ވަރަށް އަވަހަށް އައިޖީއެމް ހޮސްޕިޓަލަށް ބަދަލު ކުރެވޭނެ ކަމަށެވެ.

"..ސަރުކާރުން މިހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރަން ހުށައަޅާފައި. މިކަމާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލްއިން ދަނީ ކުރަންޖެހޭ އިމްތިޒާމްތައް ދަނީ ރާއްވަވަމުން. މިކަމާއި ގުޅިގެން އެ ފަރާތުން އެނައުސްމަންޓެއް ނެރުއްވާނެ، މިކަމާއި ގުޅިގެން އެ ބޭފުޅުންގެ ހިދުމަތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން. މި ވަގުތު ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުން އައިޖީއެމް ހޮސްޕިޓަލަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުކުރެވިގެންދާނެ."

ކޮވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ފުރަތަމަ ހުށައެޅީ އެ ހޮސްޕިޓަލް ހިންގާ ކުންފުނިންނެވެ.

މިވަގުތު ކޮވިޑްގެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެކަމަށް ހާއްސަކޮށްފައިވާ ސެންޓަރުގައެވެ. އެތަނުގައި އައިސީޔޫ ބެޑްތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ. މިވަގުތުވެސް އެތަނުގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.