ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުޅުމާލޭގައި އަޅާ މެޑިކަލް ފެސިލިޓީ ނިމޭނީ މި މަހުގެ ނިޔަލަށް

Apr 21, 2020

ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި، އެ ތަނުގެ މަސައްކަތް ނިންމާލެވޭނީ މި މަހުގެ ނިޔަލަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ހުޅުމާލޭގައި އަޅާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހަށް ނިންމާލަން އަމާޒު ހިފި ނަމަވެސް އެއްކޮށް ނިންމާލެވޭނީ މި މަހުގެ ނިޔަލަށް ކަމަށެވެ.

"މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތަކާއި އިކްއިޕްއިމެންޓް ވެއްދުމުގެ މަސައްކަތް. އެ މަސައްކަތްތައް މި މަހުގެ ނިންމާލެވޭނެ ކަމަށް ވަނީ މައުލޫމާތު ދީފައި،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގައި މީހުން އައިސޮލޭޓް ކުރަން 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރަނީ ހުޅުމާލޭގައި ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގަ އެވެ. ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދެވޭ ގޮތަށް ތަރައްގީ ކުރާ އެ ފެސިލިޓީގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސިފައިންނާއި ދައުލަތުގެ އެހެން އިދާރާތަކެވެ.

މަބުރޫކު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 12 މިލިއަން ރުފިޔާ ހަރަދުވާއިރު، އެތަނަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދަން 28 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހަދަމުންދާއިރު ފަރުކޮޅުގައި ވަނީ 50 އެނދުނުގެ ފެސިލިޓީއެއް ތަރައްގީކޮށްފައި ވެއެވެ. އެތަން ތަރައްގީކޮށްފައި ވަނީ އައިސީޔޫގެ ދެ އެނދު ވެސް ހިމެނޭ ގޮތަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 މުޖުތަމައުގެ ތެރޭގައި އިތުރަށް ފެތުރި، ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރު ވެއްޖެ ނަމަ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ 200 އައިސީޔޫ ބެޑު ވެސް ބޭނުން ކުރަން މަޝްވަރާކޮށް އެއްބަސްވެވިފައިވާ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.